ޚަބަރު

ގޯތި ލިބުނު މީހުންގެ ކުރިން އޮތް ގޯތި ދޫކޮށްލަން ފަސް އަހަރުގެ މުއްދަތެއް


  • ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތު 5 އަހަރު ދުވަހަށް އިތުރުކޮށްފި

  • ސޮއިކުރާ ތާރީޚުން ފެށިގެން ކުރިއަށް އޮތް 5 އަހަރު ތެރޭގައި ކުރިން އޮތް ގޯތި ދޫކޮށްލަންޖެހޭ

  • ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނު

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ކުރިން ބަންޑާރަ ގޯތި އޮތް މީހުން އެ ގޯތި ދޫކޮށްލުމަށް 5 އަހަރުގެ މުއްދަތެއް ދީފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ލިބޭ މީހުންނަކީ މީގެ ކުރިން ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއް ނަމަ އެ ގޯތި ދޫކޮށްލުމަށް މީގެ ކުރިން އޮތް މުއްދަތަށް ސަރުކާރުން މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އަކްރަމް ވިދާޅުވީ މިގެނައި ބަދަލާއެކު މިހާރު ސޮއިކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ތެރޭގައި ކުރިން އޮތް ބަންޑާރަ ގޯތި ދޫކޮށްލަން ޖެހެއެވެ. ކުރިން އޮންނަ ގޮތުން ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްތެރޭގައި ގޯތި ދޫކޮށްލުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތް ފަށަންޖެހެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9000އަށްވުރެ ގިނަ ބިމެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ސަރުކާރުން މިހާރު އަންނަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތީގެ ރެޖިސްޓްރީ ހަވާލުކުމުގެ މަސައްކަތް ކުރަމުންނެވެ.