ޚަބަރު

ހުވަދޫގެ 18 ރަށް އާރުޓީއެލުން ގުޅާލައިފި، މުޅި ހުވަދޫގެ ތަސައްވުރު ބަދަލުކޮށްލާނެ!


  • ހުވަދޫގައި އާރްޓީއެލްގެ އަޖުމަބެލުމުގެ ދަތުރުތައް ފެށީ މިދިޔަ މަހު

  • ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް އޮވޭ

  • ހުވަދު އަތޮޅުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތަކީ ތާއަބަދަށް ރާއްޖެ ބަދަލުކޮށްލާނެ ޚިދުމަތްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތް ހުވަދު އަތޮޅުގައި އިފްތިތާޙްކުރުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުވަދު އަތޮޅުގައި ޤާއުމީ ފެރީ ނިޒާމް، އާރުޓީއެލް ފެށުމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހުވަދުއަތޮޅަކީ އާރްޓީލެ ޚިދުމަތް ބަހާލާފައިވާ 5 ސަރަޙައްދުގެތެރެއިން، 5ވަނަ ޒޯނެވެ.

ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް ހިމެނޭހެން، މުޅި އަތޮޅުގެ އާބާދީ 22000އިން މައްޗަށް އަރައެވެ. ހުވަދުއަތޮޅުގައި މި ޚިދުމަތް ފެށިގެން ދިއުމާއެކު، ރާއްޖޭގެ ބޮޑެތި އާބާދީތައް އޮތް ސަރަޙައްދުތަކުގައި މިވަނީ މިޚިދުމަތް ފަށާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ކަމެއް ކާމިޔާބު ކުރެވޭނީ ރަނގަޅު ޕްލޭނެއް އޮވެގެންކަމަށެވެ. އާރްޓީއެލްގެ މި ޚިދުމަތަކީ އޭގެ އެންމެ ބޮޑު ހެކިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގައި، އެއްގަމު ދަތުރުގެ ޚިދުމަތްދޭހާ ފެންވަރަށް ރޭވުންތެރިކަމާއެކު، ދެމުންދާ ކަނޑު ދަތުރުގެ ޚިދުމަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޚިދުމަތުގެ ބޭނުމަކަށް ވަނީ ސަރުކާރަށް ފައިދާއެއް ހޯދުން ނޫންކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް މިކަމުން ކުރާ ފައިދާއާއެކު، ދިގުމުއްދަތުގައި ސަރުކާރަށް އޭގެން ލިބޭ ފައިދާ ބޮޑުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ބޭނުމަކަށްވީ ކުދި އާބާދީތައް އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ދަށުން ހުވަދު އަތޮޅުގައި ވަކިން އޮތް ކުދި ރަށްތަށްވެސް މިހާރު، ބޮޑެތި ރަށްތަކާއި ގުޅި ލާމެހިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ލަންޑަން އަންޑަގްރައުންޑް ޓްރެވަލް ނެޓްވޯކްފަދަ ޒަމާނީ ޕްލޭނަކާއެކު ދޭ ޚިދުމަތެއް. މުޅި ރާއްޖެ ތާއަބަދަށް ބަދަލުކޮށްލާނެ. މިއަދު ބަލިމީހާ ޓެސްޓެއް ހަދަން ނުޖެހެނެ ތަނެއް ކުއްޔަށް ހިފައިން ހޮސްޕިޓަލް ހުރި ރަށުގައި މަޑުކުރާކަށް. އެ ޚިދުމަތް ހޯދަން އޮތް ދުވަހަކު ފަސޭހައިން އަގުހެޔޮކޮށް އަންނަންވީ." މިނިސްޓަރ ވިދާޅުވިއެވެ.

ހުވަދު އަތޮޅުގައި އަޖުމަބެލުމުގެ ދަތުރުތައް ފެށީ، މިދިޔަ މަހުއެވެ. މިނިސްޓަރ ވިދާޅުވީ އަޖުމަބެލުމުގެ ދަތުރުތަކުގައި 10000އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށެވެ. އަދި އެކި ޚިދުމަތްތަކުގައި ތިނަދުއަށް އެކަނި 3000އާއި ގާތްކުރާ މީހުން ދަތުރުކޮށްފައިވާކަމަށެވެ.

ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫގައިވެސް މިހާރު ވަނީ އާރްޓީއެލްގެ ތަޖުރިބާ ދަތުރުތައް ފަށާފައެވެ. އަދި ހައިވޭލިންކަކުން އައްޑޫން ހުވަދުއާއި ހަމައަށް ވަނީ ގުޅާލާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅުގައި، އެއް އަތޮޅުން އަނެއް އަތޮޅަށްވެސް މިހާރު ފަސޭހަކާމާއެކު ދަތުރުކުރެވޭނެކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރު ކަމަށާއި، އަންނަ އަހަރުގެ ނިމުމުގެ ކުރިން މި ޚިދުމަތް މުޅި ރާއްޖެއަށް ފަށްޓަވާނެކަމަށެވެ. އާޒިމް ވިދާޅުވީ، މި ޚިދުމަތުގެ ލުއިފަސޭހަކަމުގެ އިތުރުން، 1000އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެކަމަށެވެ.

"ރައީސްގެ ވަޢުދާ އެއްގޮތަށް މިހާރު ތައްޔާރުވަމުންދަނީ ނ.އަތޮޅުގައި ޚިދުމަތް ފެށުމަށް. މި ޚިދުމަތް ނޮވެމްބަރުގައި ފަށާނަން. މިހާތަނަށް ރާއްޖޭގެ ބޮޑެތި އާބާދީތައް އޮތް ހުރިހާ ސަރަޙައްދުތައް މިވަނީ ގުޅާލެވިފައި." އާޒިމް ވިދާޅުވިއެވެ.

ހުވަދު އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުން ފާހަގަކުރުމަށް، އެ ސަރަހައްދުގެ ރަށްރަށުން ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއަށް ފަރިވަޅެއް އަރުވާފައެވެ.

އާރްޓީއެލްގެ ޚިދުމަތް ދެނީ 5 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތް ފުރިހަމަވާއިރު، 82 އުޅަނދު ބޭނުންކުރާނެއެވެ. އާރްޓީއެލްގައި ބޭނުންކުރާ ހައި ސްޕީޑް ލޯންޒުތަކަކީ މީހުން އުފުލުމަށް ޚާއްސަ ލޯންޗުތަކެވެ. އެގޮތުން ޖާގަތަނަވަސް މި އުޅަނދުތަކުގައި ފަސޭހައިން ބަލިމީހުންވެސް އުފުލޭނެއެވެ.

އާރުޓީއެލް ފެރީ ނިޒާމަކީ އަތޮޅުތަކަށް އިޤްތިޞާދީގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއަކަށެވެ.