ޚަބަރު

ކުޑަފަރިއާއި ފޮއްދޫގެ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ތަރައްޤީކުރަން ޙަވާލުކޮށްފި


  • މިކަން ޙަވާލުކުރެއްވީ އިވޯރޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ

  • މިމަސައްކަތުގެ މުއްދަތަކީ 365 ދުވަސް

ނ.ކުޑަފަރިއާއި ނ. ފޮއްދޫގެ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ތަރައްޤީކުރަން ޙަވާލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކުރެއްވީ އިވޯރޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކުޑަފަރީ އާއި ފޮއްދޫ ޞިއްޙީ މަރުކަޒުގެ އައު ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށް ހަވާލުކުރައްވާފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ކުޑަފަރީގެ އައު ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޖުމްލަ 24 މިލިޔަން ހަތް ލައްކަ ފަންސާސް ފަސްހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. އަދި ފޮއްދުގެ ޞީއްޙީ މަރުކަޒު ތަރައްޤީކުރުމަށް 24 މިލިޔަން ހަތް ލައްކަ ފަންސާސް ނުވަހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ.

ކުޑަފަރިއާއި ފޮއްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ތަރައްޤީކުރަން ޙަވާލުކުރައްވަން ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެކްޒެކެޓިވް ޢަބްދުލް ހަންނާން ޙޫސައިނެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށްޓަވައިފައެވެ. އަދި އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަންތަނަށް ހެދުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެމުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެވެ. މިމަސައްކަތަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ.