ވިޔަފާރި

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި


  • ޓޫރިޒަމް މިނިސްޓްރީއާއި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓުން ވަނީ ސޮއިކޮށްފަ

  • ކޯވިޑްގެ ފަހުން މި ރިސޯޓް އަދި އޮތީ ނުހުޅުވި

  • މިތަން ހުޅުވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު އުންމީދެއް

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީއާއި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްއާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި އައްޑޫ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ޖެނެރަލް އެފެއާސް ސައުދު އަބްދުﷲ އެވެ.

ޝަންގްރިއްލާ ރިސޯޓްގެ 30 އިންސައްތަ ހިއްސާއަކީ ދިވެހި ސަރުކާރުގެ ހިއްސާއެވެ. ބާކީ 70 އިންސައްތަ ހިއްސާ އޮންނަނީ ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ.

ކޯވިޑައި ގުޅިގެން ޝަންގްރިއްލާ ރިސޯޓް ވަނީ ބަންދުކޮށްފައެވެ. މިހާތަނަށް އައިއިރުވެސް އެ ރިސޯޓް ހުޅުވިފައެއް ނުވެއެވެ. އެހެންކަމުން މީގެ ސަބަބުން ސަރުކާރަށްވެސް ދިޔައީ ބޮޑު ގެއްލުމެއް ލިބެމުންނެވެ.

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ކޯވިޑާއި ގުޅިގެން ޝަންގްރިއްލާ ބަންދުކޮށް ނުހުޅުވި ލަސްވެގެންދިޔަ ދިއުން ހައްލުކުރަން މުހިންމު އެއް ފިޔަވަޅެއްކަމަށް ފެނުނީ އައްޑޫ އިންވެސްޓްމަންޓްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ޝަންގްރިއްލާއަށް ދޫކޮށްލުންކަމަށެވެ.

މަޖިލީހުން ޖޮއިންޓް ވެންޗަރތަކުގެ ޝެއަރ ބަދަލުކުރުމާއި ގުޅޭ ޤާނޫނަށް ބަދަލުގެނެސް މިހާރު އެކަން ކާމިޔާބުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ރިސޯޓް ހުޅުވުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

"މިހާރު ދެން ސަރުކާރުގެ ހިއްސާ ނެތި އެބޭފުޅުންނަށް ކުރިއަށްދިއުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ވާނެ. އަޅުގަނޑުމެން ސަރުކާރުން ޝަންގްރިއްލާއަށް އެޝުއަރެންސް ދީފައި އޮންނާނެ އެތަން ހުޅުވުމަށް ކުރަންޖެހޭ ހުރިހައި ކަމެއް ކުރުމުގައި ސަރުކާރުން އެހީތެރިކަން ދޭނެކަމަށް. އެއީ ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި ވިއަސް އަދި އިދާރީގޮތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމުގައިވެސް" މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރ ބްރައިސް ލުނޮޓް ވިދާޅުވީ، ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމާއެކު ދެން ޝަންގްރިއްލާ އަލުން ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ.

“އަހަރެމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް ޝަންގްރިއްލާ ހުޅުވުން. އެގޮތުން އަލުން ހުޅުވުމަށް އެހީތެރިވުމަށް ޕާޓްނަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ.” ބްރައިސް ލުނޮޓް ވިދާޅުވިއެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންއައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަނދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.