ޚަބަރު

ޖުޒާމު ބަލި ރާއްޖެއިން ނައްތާލުމަށް 100 ރަށެއްގައި ޓެސްޓިން ފަށައިފި


  • ޖުޒާމުބަލީގެ 7-10 ކޭސް އަހަރަކު ރާއްޖެއިން ފެނޭ

  • މި ބަލީގެ ދިރާސާ 100 ރަށެއްގައި ކުރިއަށްދާނެ

  • އޮކްޓޯބަރުގެ ނިޔަލަށް ދިރާސާ ނިންމާނެ

ޖުޒާމު ބަލި ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތުގައި، 100 ރަށެއްގައި ބަލީގެ ކޭސް އުޅޭތޯ ބެލުމަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ޖުޒާމު ބަލި ނައްތާލަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ފަށާފައިވާ މަސައްކަތެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މިގޮތަށް ބައްޔެއް ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅަނީ، އެކަމަށްޓަކާ ހަދާ ސަރވޭއާއި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

"ޒީރޯ ލެޕްރަސީ" ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި މި ބަލީގެ ތާރީޚަށް ބަލާއިރު، ގިނަ ބަޔަކު މި ބަލި ތަޙައްމަލުކޮށްފައިވެއެވެ. ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރިއެވެެ. މިއާއެކު 1997 ވަނަ އަހަރު، ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫންކަމަށް ކަނޑައެޅިއެވެ.

މިހާރު ރާއްޖެއިން މިބަލީގައި ފެންނަނީ އަހަރަކު 7-10 ކޭސްކަމަށް އެޗް.ޕީ.އޭގެ މަޢުލޫމާތުތަކުން ދައްކައެވެ. އެއީ ވަރަށް މަދު ރަށަކުންނެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ މިއަހަރު މީގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާކަމަށެވެ.

ޖުޒާމު ބަލި ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ލެޕްރަސީ ނައްތާލެވޭ ޤައުމުތަކުގެ ތެރޭގައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ ރާއްޖޭގެ 100 ރަށެއްގައި ސަރވޭގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްތެރިންނަށް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ރަށްރަށުން ސްކްރީންކޮށް ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް މި 100 ރަށަކީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ، ރާއްޖެ "ޒީރޯ ލެޕްރަސީ" ލަނޑުދަނޑު ޙާސިލުކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މިގޮތުން ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ސްކްރީންކުރުމާއި، މީހުން ހޭލުންތެރިކުރުމާއި، އެސެސްމަންޓެއް ހެދުން ހިމެނެއެވެ. އަދި މި މަސައްކަތުގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

މި މަސައްކަތް އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބައްޔަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. ބަލި ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް 5 ވަރަކަށް އަހަރު ނަގައެވެ. ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

އެހެންކަމުން މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ އަވަހަށް ބަލި ދެނެގަނެ، ފަރުވާ ފެށުމެވެ. އަދި މި ބަލި މުޅިން ރާއްޖެއިން ނައްތާލުމެވެ. އެޗް.ޕީ.އޭއިން ވަނީ މިކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ.