ޚަބަރު

އައު އިމަރާތާއެކު ވާދޫ ސްކޫލުގެ ޖާގައިގެ ދަތިކަމެއް ހައްލެއް ލިބޭނެ


  • 1980 އިން 2005 ވަނަ އހަރަ ހަމަޔަށް އެ ސްކޫލްއަކީ ރައްޔިތުން ހިންގި ތަނެއް

  • ރަނގަޅު ފެންވަރުގެ އިމާރާތެއް ފުރަތަމަ ފަހަރަށް އެޅީ އައިހެޕްގެ އެހީތެރިކަމާއެކު

  • މިހާރު 2 ބުރި އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީކުރަމުން

އާބަދީގޮތުން ސްކޫލްއެއްގައި ކިޔަވާ ކުދިންގެ އަދަދު މަދުވިނަމަވެސް ބައެއް ސްކޫލްތަކަކީ ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކިޔަވިދިނުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވާ ސްކޫލްތަކެވެ. އަތޮޅުތަކުގެ ގިނަ ރަށްތަކުގައި ހުރި ސްކޫލްތަކަކީ ޕާޓިޝަން ޖަހައިގެން ކްލާސްރޫމްތައް ވަކިކޮށްގެން ކިޔަވައިދެމުން އަންނަ ސްކޫލްތަކެވެ.

މީގެ އިތުރުން ބައެއް ސްކޫލްތަކުގައި ހުންނަ ހޯލްތައްވެސް ބައިބައިކޮށްގެން ކިޔަވައިދޭންޖެހެއެވެ. މީގެ ސަބަބުން އިތުރު ހަރަކާތްތައް ހިންގުމަށް އުނދަގޫވެ ސްކޫލްތަކުގައި ކިޔަވައިދޭން ޖެހެނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިގޮތުން ރ. ވާދޫ ސްކޫލްއަކީވެސް ޖާގައިގެ ގޮތުންދަތި، އެއްތަނެއްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ސްކޫލްއެކެވެ. ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި މިވަގުތު އެ ސްކޫލްގައި އައު އިމާރާތެއް އަންނަނީ އަޅަމުންނެވެ.

ވާދޫ ސްކޫލްއަކީ 1980 ވަނަ އަހަރު ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ކިޔަވައިދޭން ފެށި ސްކޫލްއެކެވެ. އެއަށްފަހު ގާތްގަނޑަކަށް 4 ވަރަކަށް އަހަރު ފަހުން 1984 ވަނަ އަހަރު އެމެރިކާގެ ހިލޭ އެހީ ދޭ ޖަމިއްޔާއެއްކަމަށްވާ އައިހެޕް ޕްރޮޖެކްޓްގެ ދަށުން ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ސްކޫލްގައި ފުރަތަމަ ފަހަރަށް ރަނގަޅު ފެންވަރެއްގެ އިމާރާތެއް އެޅިއެވެ.

ސަރުކާރު ސްކޫލަކަށް ވާދޫ ސްކޫލް ބަދަލުކޮށްފައިވަނީ 2005 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން ސްކޫލުގެ އާބާތުރަފިލުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާތީ، މިހާތަނަށް އައިރުވެސް ދަރިވަރުންނަށް ކިޔަވައިދީ ސްކޫލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުން އައީ ދަތި އުނދަގުލާއެކުގައެވެ. ކުޑަ ކްލާސްރޫމެއްގެ ތެރޭގައި އެނދެއް ބަހައްޓައިގެން ހެލްތް ރޫމް ހިންގާ ހަމަ އެތަނުގައި ލައިބްރަރީ ހިންގަން ޖެހުނުކަންވެސް ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާޢިލް ނަޞީރު ވިދާޅުވިއެވެ.

ވާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ އެ ސްކޫލްގައި 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރަން ނިންމާ އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ 4.7 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ.

ޕްރިންސިޕަލް އިސްމާއިލް ނަޞީރު ވިދާޅުވީ އަލަށް ތަރައްޤީކުރާ އިމާރަތުގައި 2 ކްލަސްރޫމްއާއި ސައިންސް ލެބަކާއި ހެލްތް ރޫމާއި، 9 ފާހަނާއާއި ސްކޫލަށް ބޭނުންވާ ސާމާނު ރައްކާކުރާނެ ގުދަނެއް ހުންނާނެކަމަށެވެ. ނަޞީރު ވިދަޅުވީ އައު އިމާރާތުގެ މަސައްކަތުގެ ދަށުން މިހާރު ހިޔާކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެ އިމާރާތުގެ މަސައްކަތް ނިމުމާއެކު ސްކޫލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑަށް ދަތިވަނީ ކްލާސްރޫމް މަދުވުން. އަޅުގަނޑުމެން މިހާރުވެސް ގިނަ މަސައްކަތްތައް އެއްތަނެއްގަ އެބަކުރަން. 2 ބުރީގެ އިމާރާތާއެކު ސްކޫޅްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ." ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަޞީރު ވިދާޅުވިއެވެ.

ވާދޫ ސްކޫލްއަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގެރޭޑް 10 ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގައި މިވަގުތު 106 ދަރިވަރަކު އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އަދި އެ ސްކޫލްގެ ދަރިވަރުންނަކީވެސް ޤައުމީ ގަދަ 10 އަކުން ޖާގަ ހޯދާ ދަރިވަރުންނެވެ.

ވާދޫ ސްކޫލްގެ ޕްރިންސިޕަލުގެ އެންމެ ބޮޑަށް ކަންބޮޑުވުމަކީ ދިވެހި މުދައްރިސުން ނުލިބުމުގެ ކަންބޮޑުވުމެވެ. އެގޮތުން މިވަގުތު އެ ސްކޫލްގައި ހިސާބު މާއްދާ ނޫން އިނގިރޭސި ބަހުން ކިޔަވއިދޭންޖެހޭ ހުރިހާ މާއްދާއެއްވެސް ކިޔަވައިދެއްވަމުން އަންނަނީ ބޭރު މުދައްރިސުންނެވެ.