ޚަބަރު

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން "ސްޓާލިންކް"ގެ ޚިދުމަތް ލިބޭ ފުރަތަމަ ޤައުމަކަށް ރާއްޖެ


  • ސްޓާލިންކް އިންޓަރނެޓްގެ ޚިދުމަތަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ޚިދުމަތެއް

  • މިއީ ރާއްޖޭގައި ޓެލެކޮމް ޚިދުމަތަށް ލައިސަންސް ދިން 4 ވަނަ ކުންފުނި

  • މިއާއެކު އެންމެ ޒަމާނީ އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ލިބޭނެ

ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން، ސްޓަރލިންކް އިންޓަނެޓް ޚިދުމަތުގެ ލައިސަންސް ދިން ފުރަތަމަ ޤައުމުކަށް ރާއްޖެވުމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިިނިސްޓަރ އޮފް އެންވަޔަތަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރި 4 ވަނަ ކުންފުންޏެވެ. ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ޚިދުމަތެކެވެ.

ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ލައިސަންސް ދޫކޮށްފައިވަނީ ސްޓާލިންކް ސަރވިސަސް މޯލްޑިވްސް އަށެވެ. ސްޓާލިންކް ސަރވިސަސް މޯލްޑިވްސްއަކީ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ލައިސަންސުގެ ލިޔުން ސްޓާލިންކްއާއި ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސް އާއި ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއަރ ޑިރެކްޓަރ ގްލޯބަލް ލައިސަންސިންގ އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ. އިންޓަނެޓްގެ ޚިދުމަތަކީ އާއްމު ދިރިއުޅުމުގެ މުހިންމު ވަސީލަތަކަށް ވެފައިވާއިރު، މި ސަރަޙައްދުގައި ރާއްޖެ މިހާރުވެސް ހިމެނެނީ އިންޓަނެޓާއި ގުޅުންހުރި ޚިދުމަތްތައް އެންމެ ފުރިހަމައަށް ދޭ އެއް ޤައުމުގެ ގޮތުގައި ކަމަށް ޝައުނާ ވިދާޅުވިއެވެ.

ސްޕޭސްއެކްސް އިންޓަނެޓް ޚިދުމަތާއެކު، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއަށް އަނެއްކާވެސް މި ޙާސިލްވީ އިތުރު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސައުތު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޕޭސްއެކްސް ލައިސަންސް ދިން ޤައުމަކަށް މިވީ ރާއްޖެ. 2019 ވަނަ އަހަރު 5ޖީ، 2017 ވަނަ އަހަރު 4 ޖީ މި ސަރަޙައްދުން އެންމެ ފުރަތަމަ ހޯދި ޤައުމަކީވެސް ރާއްޖެ. އެހެންވީމަ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ރާއްޖެއިން މި އަންނަނި ހޯދަމުން." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް މިހާރު ހަރަކާތްތެރިވާ 3 ކުންފުނިންވެސް، ރާއްޖެއަށް އައު ޓެކްނޮލޮޖީތައް ގެނައުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ބޮޑަށް ބަލައިގަންނަ މުހިންމު މަސައްކަތެއްކަމަށެވެ.

ސްޓާލިންކު ޚިދުމަތަކީ ކުޑަ އެންޓަނާއެއް ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ. ސްޓާލިންކް އިންޓަރނެޓްގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށާއި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށްވެސް ހައިސްޕީޑް އިންޓަރނެޓް ޚިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ސްޕޭސްއެކްސްގެ ސީނިއަރ ޑިރެކްޓަރ ގްލޯބަލް ލައިސަންސިންގ އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓް ވިދާޅުވީ، ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ޚިދުމަތެއް ލިބޭނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.

"މިހާރުވެސް ދުނިޔޭގެ 60 ޤައުމެއްގައި ސްޓާލިންކްގެ ޚިދުމަތް އަންނަނި ދެމުން. މުޅި ދުނިޔެއަށް ޚިދުމަތް ދަނީ ފުޅާވަމުން. ރާއްޖެއަށްވެސް ފުރިހަމަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭނަން." ރަޔަން ގުޑްނައިޓް ވިދާޅުވިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް "ކެމް"ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙުމަދު ވިދާޅުވީ، ސްޓާލިންކަށް ލައިސަންސް ހޯދުމަށް މަސައްކަތްކުރާތާ ދޮޅުއަހަރެއްހާ ދުވަސްވެއްޖެކަމަށެވެ. މިއަދު ސްޓާލިންކަށް ލައިސަންސް ދެވިގެން ދިއުމަކީ، ސެޓަލައިޓް ޓެކްނޮލޮޖީގައި ރާއްޖެއިން ހޯދި ކާމިޔާބީއެއްކަމަށް އިލިޔާސް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޯލޮޖީތައް ތަޢާރަފްކޮށް، ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ފެންވަރު ރަނގަޅު މުވާސަލާތީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މާހައުލެއް ޤާއިމްކުރުމަކީ ކޭމްގެ އަމާޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފަޅު ރަށްރަށަށް އަދި ދުރުން މަހަށް ނުކުމެ އުޅޭ ދޯނިތަކަށްވެސް، އިންޓަނެޓްގެ ޚިދުމަތް ފަސޭހައިން ލިބޭނެ ޚިދުމަތަކަށް މި ޚިދުމަތް ވާނެ. އިންޓަނެޓް ނެތި މިހާރު އެއްވެސް ކަމެއް ނުކުރެވޭ" އިލްޔާސް ވިދާޅުވިއެވެ.

ސްޓާލިންކަށް ލައިސަންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ކުންފުނިތަކުގެ އިސް ވެރިންނާއި، ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ބޭފުނުން ބައިވެރިވެވަޑައިގެންނެވިއެވެ.