ޚަބަރު

ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި


  • އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމަކީ މުޅިން އަލަށް ރާއްޖޭގައި ފެށި ޕްރޮގްރާމެއް

  • އުތީމުގައި ވަނީ 40 އަނބު ގަހުގެ ދަނޑެއް ޖަހާފައި

  • މުޑުވަށް ފޯދި، 3-4 އަހަރުން މޭވާ ލިބޭނެ

ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. މިގޮތުން އަނބު ދަނޑު ހެެއްދުމަށް، އެންމެ ފުރަތަމަ އަނބުގަސް ޖަހާފައިވަނީ ހއ. އުތީމުގައެވެ.

އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ރަށްތަކުގައި ކާނާ ލިބޭ ގަސް އާލާކުރުމަށް އެގްރިކަލްޗަރ މިނިސްޓްރިއިން މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ. އެގޮތުން ރުކުގެ އައު ޖީލެއް ބިނާކުރުމަށް ރުއް އިންދުމަށް ފެށި ޕްރޮގްރާމަށްފަހު، އަނބު ގަސް އިންދަން ފަށާފައި މިވަނީި ދެވަނަ ޕްރޮގްރާމެއްގެ ގޮތުގައެވެ.

އުތީމުގައިގައި އަނބު ދަނޑު ޖެހުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ. 40 އަނބުގަހުގެ އަނބު ދަނޑެއް އުތީމުގައި ވަނީ ޖަހާފައެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މި އަނބުގަސްތަކަކީ ބަނގްލަދޭޝްއިން ގެނެސްފައިވާ މުޑުވަށްތަކެއްކަމަށެވެ. މި މުޑުވަށް އާލާކުރުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައި މިވަނީ، ބަންގްލަދޭޝްއަށް ކުރި ދަތުރެއްގައި މިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހޯދާ، ތަޖުރިބާ ކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އާއްމުކޮށް ހައްދާ އަނބު ގަހަކީ ހައްދަން އުނދަގޫ ގަހެއްކަމަށެވެ. ނަމަވެސް އަލަށް ތަޢާރަފުކުރި ބަންގްލަދޭޝްގެ މި މުޑުވަކަކީ ހައްދަން ފަސޭހަ، މީރު އަނބެއްކަމަށެވެ.

"ދެ ވައްތަރެއްގެ އަނބުގަސް ގުޅުވައިގެން ހަދާފައިވާ ވެރައިޓީއެއް މިއީ. މިގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހަދާފައިވާ މި މުޑުވަށް، އަވަހަށް ހެދި، އަދި ގަސް ވަރުގަދަވޭ. ރަނގަޅަށް ބަލަހައްޓާ ހެއްދީމައި ވަރަށް އަަވަހަށް މޭވާ ލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މި މުޑުވަށް 3-4 އަހަރުގެ ތެރޭގައި ރަނގަޅަށް ފޯދި، މޭވާ ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިގޮތަށް ސަރުކާރުގެ އެހީގައި ރަށްރަށުގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގައި އިންދާ ގަސް ނުވަތަ ދަނޑުތައް ކައުންސިލްތަކުން ރަނގަޅަށް ބެލެހެއްޓުމަށް އެދިވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ކުރިމަގަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މި ޕްރޮގްރާމް އަދި ފަށާފައި މިވަނީ ހަމައެކަނި އުތީމުގައި ނަމަވެސް، އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް އިތުރު ގަސްތައް ލިބި، ގިނަ ރަށްތަކެއްގައި އަނބު ދަނޑު ޖެހުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރީއިން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީއިން ވަނީ ރުކުގެ އައު ޖީލެއް ބިނާކު ކުރުމުގެ ޕްރޮގްރާމްވެސް ރާއްޖޭގައި ފަށާފައެވެ. މިއީ 5000 ރުއް އިންދުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.