ޚަބަރު

ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް "ސްޓާލިންކް"އަށް މިއަދު ލައިސެންސް ދެނީ


ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ދިނުމަށް "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދިނުމަށް ނިންމައިފިއެވެ.

ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ހަވާލުކުރުން އޮންނާނީ މިއަދު ހަވީރު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައެވެ.

ސްޓާލިންކު ޚިދުމަތަކީ ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ.

ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ވެސް އަންނަނީ ދެމުންނެެވެ. އޭގެ ތެރޭގައި ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތަކާއި، އޮސްޓްރޭލިއާ އާއި ނިއުޒިލެންޑް ވެސް ހިމެނެއެވެ.

އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކް މަޝްރޫއުގެ ހިދުމަތް 2021 އަހަރުގެ ފެބްރުއަރީ މަސް ތެރޭ ބައެއް ގައުމުތަކަށް ޕްރީއޯޑަރަށް ހުޅުވާލި އިރު، ރާއްޖެވެސް ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޕޭސް އެކްސް ކުންފުނިން މި ދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ މަޝްވަރާތަކެއްވެސް ކޮށްފައެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެއެވެ.

އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮ ކުރުމުގެ ގޮތުން އާ އޮޕަރޭޓަރުން ރާއްޖެ ގެނައުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.