ޚަބަރު

ކިހާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށް އެރަށުގެ ވޮލީކޯޓް ހުޅުވައިފި


  • ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށަން ފަޅު ފުންކުރި

  • 231 މީޓަރު ބޮޑުހިލަޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޤާއިމްކުރި

  • 326 މީޓަރުގެ ބޭރުތޮށި ޖެހި

ބ. ކިހާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށުގެ ވޮލީކޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުޅުއްވައިދެއްވައިފިއެވެ.

ކިހާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި ވޮލީކޯޓް ހުޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.

ކިހާދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި 231 މީޓަރު ބޮޑުހިލަޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޖެހުމާއި 326 މީޓަރުގެ ބޭރުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭއިތުރު މަސައްކަތްތައް ހިމެނެއެވެ.

ކިހާދޫއަކީ ލަފާ ފުރުމުގެ ފަސޭހަކަން ދެހާހުގެ ކުރީ ކޮޅު ލިބި މިވީ 14 ވަރަކަށް އަހަރު ބަނދަރެއް އޮތުމުން އޭގެ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބުނު ރަށެކެވެ. އެއީ އަބަދުވެސް ކިހާދޫގެ ރައްޔިތުން ބުނާ އެއްވާހަކައެވެ. ބަނދަރުން ބޮޑު ބައެއް ހަލާކުވެ ލަފާފުރުމަށް ބޭނުން ކުރަމުން ދިޔައީ ހުރަސް ތޮށްޓެކެވެ. އެތޮށި ސިފަވަނީ ބޮޑެތި ތެޅިގަލުން ރާނާފައި ހުންނަ ފާރަކާއެެވެ. އެހެންވެ އެސަރަހައްދުގައި މިހާރު ގެންގުޅޭ އަގުބޮޑެތި ލޯންޗްފަހަރު ނާޅައެވެ. ސަބަބަކަށް ވެފައިވަނީ ބަނދަރުގައި ހޭކި ފެންޑަރުތައް ފަޅައިގެންގޮސް ލޯންޗުތަކަށް ގެއްލުންވުމެވެ. މީ އިޤްތިސާދީ ގޮތުން އެރަށަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް އެރަށު މީހުން ޤަބޫލްކުރެއެވެ. ނަމަވެސް އައު ބަނދަރާއެކު ރައްޔިތުން އުފުލަމުން އައި ތަކުލީފް މިހާރު ވަނީ މާޒީއަށް ގޮސްފައެވެ.

ކިހަދޫ ބަނދަރުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ކިހާދޫގެ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ. ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.