ޚަބަރު

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން އަންނަ ހަފްތާގައި ފަށާނެ: ރައީސް ޞާލިޙު


  • އަންނަ ހަފްތާ ނިމުމުގެ ކުރިން ތުޅަދޫއިން ބިން ހިއްކަން ފަށާނެ

  • 44 ހެކްޓަރު ބިން ހިއްކާނެ

  • ދެވަނަ ދައުރުގައި އިތުރަށް ބިން ހިއްކާނެ

ބ. ތުޅާދޫ އެއަރޕޯޓް އެޅުމަށްޓަކައި އެރަށު ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ތުޅާދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާކަމަށާއި ތުޅާދޫއަށް ބޭނުންވާ މަޝްރޫޢުތައްވެސް ކުރިއަށްގެންދާކަމަށެވެ.

އެގޮތުން މިހާރުވެސް އެރަށަށް މުހިންމު މަސައްކަތްތައް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ދެވަނަ ދައުރުގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި ސިއްޙީ ޚިދުމަތް ތުޅާދޫގައި ފުޅާކުރުމަށްޓަކައި އަޅާ ހޮސްޕިޓަލްގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ތުޅާދޫއަށް ދެން ބޭނުންވާ އެންމެ މުހިންމު ކަމަކީ އެއަރޕޯޓްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށެވެ.

"މިރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްވެސް ކުރިއަށް އެބަގެންދޭ. އެއަރޕޯޓްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާ ނިމުމުގެ ކުރިން ފަށާނެ. އެއީ 44 ހެކްޓަރުގެ ބިން" ރައީސް ޞާލިހް ވިދާޅުވިއެވެ.

ތުޅާދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެވެ.

މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކާ ބައެއް ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު އެއަރޕޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި މަރުޙަލާގައި މިވަގުތުވެސް ކުރިއަށް އެބަދެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެވަނަ ދައުރުގައި ތުޅާދޫއަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބިން އިތުރަށް ހިއްކާ އިންޑަސްޓްރިއަލް ޒޯނެއް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި ބީޗް ސަރަޙައްދެއް ތަރައްޤީކޮށް ޕިކްނިކް އައިލެންޑެއް ތަރައްޤީކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ޒުވާނުންނަށް ޚާއްސަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ އިތުރަށް މަސްގަނެވޭނެގޮތް ހެދުމަށްޓަކައި ވަގުތީ ގޮތުން އެ ސަރަހައްދުގައި ބޯޓެއް ބާއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.