ޚަބަރު

ވެލިދޫ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


  • ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 9 މަހުގެ މުއްދަތެއް

  • އަހަރެއްގެ ތެރޭގައި ކޮލެޖުގައި ކިޔަވައިދޭން ފެށުމަކީ މިނިސްޓްރީގެ ޢަމާޒު

  • މިއީ ރާއްޖެއިން މުހިންމު ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް ކުރިއަށްގެންދާ މަސައްކަތެއް

ނ.ވެލިދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

މިޖޫނިއަރ ކޮލެޖު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 10225.7 އަކަފޫޓްގެ ބިމެއްގައެވެ. މި އިންސްޓިޓިއުޓަކީ ސިންގަލް ސްޓޯރީ (އެއް ބުރިއަށް) ވާ ގޮތަށް އަޅާ އިމާރާތެކެވެ.

މިމަސައްކަތަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ އިއްޔެއެވެ. ނ.ވެލިދޫ ކައުންސިލް ހިމެނޭހެން، ބިން ހަވާލުކުރުމުގެ ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައެވެ.

މި ޖޫނިއަރ ކޮލެޖް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި.ސީ.ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. އަދި މިއިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރެވޭނެއެވެ.

ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު 10 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންދިއުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މަސައްކަތް ހަވާލުކޮށް އަހަރެއްހާދުވަހުގެ ތެރޭގައި ކޮލެޖުގައި ކިޔަވައިދޭން ފެށުމަކީ މިނިސްޓްރީގެ ޢަމާޒެއްކަމަށެވެ.

މި 11.91 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖްތަކުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.

ނ،ވެލިދޫގެ އިތުރުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫއާއި ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

އަތޮޅުތަކުގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި ޚާއްސަކޮށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށްވުރެބޮޑަށް ފުޅާކުރެއްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް މިސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.