ޚަބަރު

އުލިގަމުގައި އަސާސީ ހުރިހާ ޚިދުމަތެއް ޤާއިމްކޮށްދިނީ މިސަރުކާރުން: ކައުންސިލު


  • ފެނާއި ނަރުދަމާ އަޅާނިމި ޚިދުމަތް ވަނީ ދޭންފަށާފައި

  • އައު އިންޖީނުގެއަކާ އައު އޮފީސް އިމާރާތެއް ހަދައި 27 އަހަރުވީ ބައު އިންޖީނުގެ ވަނީނިއްވާލާފައި

  • މިރަށުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ

ބޭރު ބޮޑެތި ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޙިދުމަތެއްހެން މިހާރު ޤާއިމްކޮށް ޙިދުމަތް ފޯރުކޮށްދެމުންދާއިރު، މި ޙިދުމަތްތަކީ މީގެ ކުރިން އަވަސް މުސްތަޤުބަލެއްގައި އެރަށަށް ލިބޭނެކަމަށް އުންމީދުކޮށްގެން ތިބި ޙިދުމަތްތަކެއް ނޫންކަމަށް އެރަށު މީހުންދެކުނެވެ. އެހެންނަމަވެސް މި ސަރުކާރުން އަސާސީ ޙިދުމަތައް ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ރާއްޖޭގެ ކުދި އާބާދީތަކުގައި ފެށުމާއެކު އުލިގަމު ރައްޔިތުންނަށް އެ ޙިދުމަތްތައް ލިބޭނެކަމުގެ އުންމީދު ބޮޑުވެގެންދިޔައެވެ. ކަންވީވެސް އެހެންނެވެ.

ކޮންމެ ވޯޓަކާ ދިމާކޮށް ކޮށްދޭނެކަމަށް ވައުދުވާ އެއްވެސް ކަމެއް މިހާތަނަށް ކޮށްނުދީ އޮތުމަކީ އުލިގަމު ރައްޔިތުން މާޔޫސް ކުރުވިކަމެކެވެ. ކިތަންމެ ބޭނުން ޙިދުމަތެއް ނަމަވެސް އޭރު ލިބެމުން އައީ ބޮޑެތި އާބާދީ ތަކަށްއެކަންޏޭ ވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެއް ނެތި ހަމަކަމާއެކު ހުރިހާ ރަށްރަށަކަށް ހަމަހަމައަށް ތަރައްޤީއާއި އަސާސީ ޙިދުމަތްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވިކަންތަކެވެ.

އެކަން ރާއްޖޭގެ ހުރިހާ ރަށަކުންހެން ފެންނަމުންދާއިރު، އެކަންކަމާ އެންމެ އުފާވާ އެއްބަޔަކީ އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނެވެ. އާބާދީގައި ގާތްގަނޑަކަށް 350 ހާމީހުން އުޅޭ ހއ. އުލިގަމަކީވެސް މިދެންނެވި ސިޔާސަތުގެ ދަށުން އަސާސީ ޙިދުމަތައް މިހާރު ފުރިހަމަވަމުންދާ ރަށެކެވެ.

އުލިގަމު ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައި އޮތް އެއް ޙިދުމަތްތަކަކީ ރައްކާތެރި ނަރުދަމާގެ ޙިދުމަތްކަމަށްވާއިރު އެނިޒާމް އެރަށުގައި ޤާއިމްކޮށް މިހާރު އަންނަނީ ޙިދުމަތްދެމުންނެވެ. މީގެ ކުރިން ރައްޔިތުން ގޭތަކުގައި ވަޅުގަނޑު ހަދައިގެން ރަށުގެ ބިމަށް ނަޖިސް ހިންދި ދުވަސް މިހާރު ވަނީ ގޮސްފައެވެ.

އެރަށު ކައުންސިލްގެ ރައީސް އަޙުމަދު މުއާޒު މުޙައްމަދު ވިދާޅުވީ، މިއީ ޒަމާނުންސުރެ ހައްލު ކުރަން ޖެހިފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާ، އެކަމަށް ދާއިމީ ހައްލެއް ލިބުމުން، ރައްޔިތުން އެކަމަށް ކުރަމުންދިޔަ ހޭދަ އެއްކޮށްގެން ނިމިފައިވާކަމަށެވެ.

ރައްކާތެރި ނަރުދަމާ ނިޒާމަކާއެކު ރައްކާތެރި ފެންވެސް އެރަށުގައި އަޅާ ޙިދުމަތްދޭން ވަނީ ފަށާފައެވެ. މީގެ ކުރިން މި ނިޒާމް ނެތުމުން ހުޅަނގު މޫސުމުގައި ނަގާ ރައްކާކުރާ ވާރޭ ފެންކޮޅު ހުސްވުމުން ބޯން ބޭނުން ކުރަނީ ބާޒާރުގައި ވިއްކަން ހުންނަ ފެނެވެ. އެހެންނަމަވެސް ފެނުގެ ނިޒާމާއެކު ގޭތަކުގައި ފިލްޓަރ ބަހައްޓާ އެފެން ބުއިމަށާ ކެއްކުމަށް ދަނީ ބޭނުން ކުރަމުންނެވެ. ފެނަށް ކުރި ހޭދަ މިހާރު އެތައް ގުނައެއް ކުޑަވެފައިވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ ކުރިން ތިން މަހުން އެއްމަހު ޖަންޝަން ފުރިގެން އުކާލުމަށް ހޭދަކުރާނެ ރައްޔިތުން، ކޮންމެސް މީޙަކަށް ރުފިޔާ ދީގެން އެކަން ކުރަންޖެހޭނީ އަގުތައް ވެސް އެހާމެ ބޮޑުވާނެ، އެހެންނަމަވެސް މިހާރު ރައްޔިތުންނަށް ވަރަށް އުވާފެރި ދިރިއުޅުމެއް މިޙިދުމަތާ ގުޅިގެން މިވަނީ އައިސްފައި" އުލިގަމު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އުލިގަމުގައި ރައްކާތެރި ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ދޭން ރަސްމީކޮށް ފަށާފައިވަނީ މިއަހަރު ޖުލައިމަހުގެ ތެރޭގައެވެ.

އަސާސީ ޙިދުމަތައް ޤާއިމް ކުރުމަށް އުލިގަމުގައި ކުރިއަށް ގެންދިޔަ އަނެއް މަޝްރޫއުއަކީ ކަރަންޓުގެ ޙިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތެވެ. އެރަށުގައި ކުރިން ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެ މިހާރު ވަނީ ދުރު ސަރަޙައްދަކަށް ބަންދުކޮށްފައެވެ.

ޒަމާނަށް ފެތޭގޮތައް ސަރުކާރުގެ މިހާރުގެ މޮޑަލްއަށް އުލިގަމުގައިވެސް އައު އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އަޅައި މިހާރު ޙިދުމަތް ދޭން ވަނީ ފަށާފައެވެ. ކަރަންޓްގެ ޙިދުމަތް ފުޅާކުރުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި ޓްރާސްފޯމަރުތައް ބަހައްޓައި ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ މަސައްކަތުގެވެސް 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

"ވޯލްޓޭޖް ދައްށްވާ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމެއްމީ މީގެ ކުރިން ރަށު މެދުގައި އިންޖީނުގެ ހުރުމުން އެތައް އުނދަގުލަކާ ދިޔައީ ކުރިމަތިވަމުން އެހެންނަމަވެސް މިޙާރު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރަތް ކުރެވިފައިވާ އާއިންޖީނުގޭގައި ކަރަންކެޕޭސިޓީވެސް ވަނީ އިތުރު ކުރެވިފައި" އަޙުމަދު މުއާޒު މުޙައްމަދު ވިދާޅުވިއެވެ.

އުލިގަމުގައި މިސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގާނިމި އަދި ބައެއް މަސައްކަތް މިހާރު ކުރިއަށްދާއިރު، އެރަށު ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ މައްސަލަ ހައްލު ކުރުމަށް 8 ކްލާސްރޫމާއި، ސައިންސް ލެބް، އޭވީރޫމް އަދި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމް ގުޅާލުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަތުރުތައް އެރަށަށްވެސް ވަނީ ކުރަން ފަށާފައެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެރީ ޓާމިނަލްއެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ޒުވާނުންނަށް ޙާއްސަކޮށް ބޮޑު ފުޓްބޯޅަ ދަނޑެއް ތަަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ދަނޑުގައި މިހާރު ކުރަމުންދަނީ ސަބްބޭސް ހަދާ ކާނުތައް އެތުރުމުގެ މަސައްކަތެވެ. މިއީ ޒުވާނުން ކުރަމުންއައި އުންމީދަށް ނިމުން ގެނުވާނެ މުހިންމު މަޝްރޫއުއެއް ކަމަށް ކައުންސިލުން ދެކެއެވެ.

މީގެ އިތުރުން އުލިގަމަކީ ބޭރުގެ ބޮޑެތި ޔޮޓްފަހަރު ކައިރިކުރާ ރަށަކަށް ވުމުން، ކަސްޓަމްސްގެ އައު އޮފީހަކާއި ރާޑަރ ސިސްޓަމެއް ޤާއިމްކޮށް އެތަންތަނުން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ޒުވާނުންނަށް ވަނީ ލިބިގެންގޮސްފައެވެ.

މިރަށުގައި ހިންގާ މަޝްރޫއުތަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.