ޚަބަރު

އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު ރައްކާކުރާނެ ނިޒާމު 24 ރަށެއްގައި ޤާއިމުކުރަނީ


  • 24 ރަށެއްގައި މިނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައި

  • އެރަށެއްގައި ޢާއްމުކޮށް ބޭނުންކުރާ ކަރަންޓުގެ އިތުރުން އުފައްދާ ކަރަންޓު މިނިޒާމުގައި ރައްކާކުރެވޭނެ

  • މީގެ ސަބަބުން ރަށުގެ މައި ގްރިޑަށް ލޯޑު ބޮޑުވުން ކޮންޓްރޯލްކުރެވި މައްސަލަ ޖެހުން ދުރުވާނެ

އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު ރައްކާކުރުމަށް ރާއްޖޭގެ 24 ރަށެއްގައި ބެޓްރީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މިއަދު ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ރާއްޖޭގެ 24 ރަށެއްގައި ބެޓްރީ ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫޢު ޙަވާލުކުރައްވާފައިވަނީ ޗައިނާގެ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި ގުއަޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދިސީނޯ ސޯލަރ ހައިބްރިޑް ޓެކްނޮލޮޖޯ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ.

ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ، އެކްސެލެރޭޓިން ރިނިއަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ، އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަބޮޓް އަވަރގެ ބެޓްރި އެނަރޖީ ސްޓޯރޭޖް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 24 ރަށެއްގައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ،، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫއާއި މީދޫ، ލ. އަތޮޅު ފޮނަދޫ، ގަމާއި، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، މާވަށް، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި، ޅ.ހިންނަވަރާއި، ނައިފަރާއި އަދި ގއ.ވިލިނގިލިއެވެ.

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ޗައިނާގެކުންފުނީގެ ފަރާތުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ޙަކަތައިގެ ދާއިރާއަކީ ތިމާވެށީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަށް ސީދާގޮތުން އޭގެ ފައިދާކުރާނެ ސިނާޢަތަކަށްވުމުން ރައްކާތެރިގޮތުގައި ޙަކަތަ އުފެއްދުމަށް ބާރުއެޅުން ވަރަށް މުހިއްމުކަމަށެވެ.

"މިދާއިރާއިން ރާއްޖެއިންވަނި ފާއިތުވި 10 އަހަރު ތެރޭގައި ކުރިއެރުންތަކެއް ޙާސިލުކޮށްފައު، ޚާއްސަ މިދައުރުގެ ތެރޭގައި ވަރަށް ބޮޑެތި އިސްލާޙި ފިޔަވަޅުތަކެއް މިވަނީ އަޅާފައި. އެގޮތުން ތިމާވެއްޓައި ޙަކަތައިގެ ޤާނޫނަށް ގެނެވުނު ބަދަލުތައް ފާހަގަކުރެވޭ. ހަމައެއާއެކު ތިމާވެއްޓާ ރައްޓެހި އެކި ވަޞީލަތް ބާޒާރަށް ނެރެ ބޭނުންކުރަން ބާރުއެޅުމަށް ކުރެވުނު މަސައްކަތަކީވެސް މުހިއްމު މަސައްކަތެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޗައިނާގެ ކުންފުނީގެ ފަރާތުން ވާހަކަދައްކަވަމުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއި ވިދާޅުވީ، މިމަޝްރޫޢަކީ ރާއްޖެއަށް މުހިއްމު މަޝްރޫޢުއެއްކަމަށާއި ކޮންޓްރެކްޓަރުގެ ޙައިސިއްޔަތުން މަސައްކަތްޖުރާނީ ރާއްޖޭއަށް މީގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ލިބޭނެގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ މުހިއްމު އަދި ބޮޑު ޕްރޮޖެކްޓެއްގެ މަސއްކަތް އަޅުގަނޑުމެނަށް އިތުބާރުކޮށް ޙަވާލުކުރުމަކީ ވަރަށް ބޮޑު ފަޚުރެއް. ރާއްޖެ ފަދަ ތިމާވެށީގެ ދާއިރާއިން ވަކާލާތުކުރާ އަދި ތިމާވެއްޓާއި ރައްޓެހި ވަޞީލަތްތަކަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަކީ ތަޢުރީފު ޙައްގު މަސައްކަތެއް." ވަންގް ވިދާޅުވިއެވެ.

އެރައިސްގެ ދަށުން ޤާއިމުކުރާ މިސިސްޓަމްތަކާއެކު، އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މިނިޒާމުގައި ރައްކާކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޙަކަތައިގެ ވިއުގައަށް ފޮނުވާ އިޔާދަކުރަނިވި ޙަކަތައިން އެރަށެއްގެ ޑިމާންޑު އޮންނަ މިންވަރުގެ 30 އިންސައްތައަށްވުރެ މައްޗަށްދާ ޙާލަތްތަކުގައި ގްރިޑްގައި މައްސަލަ ޖެހުން ދުރުކޮށް، ރަށުން ކަރަންޓު ކެނޑުންފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދަނީ 7 މެގަވޮޓް އަވަރގެ ބެޓްރީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކޮށް ޚިދުމަތުގައި ބޭނުންކުރަމުންނެވެ. އަދި މިހާރު ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ޙަކަތައިގެ ކެޕޭސިޓީ ވަނީ 53 މެގަވޮޓްއަށް އަރާފައެވެ.