ޚަބަރު

އެމްޑީޕީގެ މެނިފެސްޓޯ: ޒުވާނުންނާ ގުޅުންހުރި ހުރިހާ މައްސަލައަކަށް ޙައްލު


  • ޒުވާނުންނަށް ފަސޭހައިން ބޯހިޔާވަހިކަން ލިބޭނެ ގޮތަކެއް ކަނޑައަޅަފައިވޭ

  • ގައުމީ އިންޑޯ ފުޓްސެލް އެރީނާއާއެކު ފުޓްސަލް ލީގުތަކެއް ބޭއްވުމަށް ނިންމާފައިވޭ

  • ރޭސިންގް ޓްރެކްތައް ޤާއިމްކުރާނެކަމަށްވެސް ބަޔާންކުރޭ

ޒުވާނުންނާއި ގުޅުންހުރި ހުރިހާ ދާއިރާއަކުން ޙައްލު ގެނެސްދިނުމުގެ އަމާޒާއެކު، އެމްޑީޕީގެ މެނިފެސްޓޯގެ ޒުވާނުންގެ ސިޔާސަތުތައް އިފްތިތާޙްކޮށްފިއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަކޮށްފައިވާ ސިޔާސަތުތައްކަމަށްވާ "އާ ޒުވާނުންގެ ޖީލު" އިފްތިތާހްކޮށްފައިވަނީ ނ.ވެލިދޫގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހްގެ ކެމްޕެއިން ޖަލްސާގައެވެ.

އެމްޑީޕީ ޒުވާނުންގެ ސިޔާސަތުތަކުގައި މައިގަނޑުގޮތެއްގައި ކަނޑައަޅަފައިވަނީ ޒުވާނުންގެ ބޯހިޔާވަހިކަމާއި، ސިއްހަތާއި، ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާފަދަ ދާއިރާތަކަށެވެ.

މީގެ އިތުރުން މިގޮތުން ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ، އަދި އަމިއްލަކުރެވޭނެ ބޯހިޔާވަހިކަން މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަދި ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ ބޮޑު ނުވާނެހެން ލޯން ދޫކުރުމާއި "ސޯޝިއޯ-އިކޮނޮމިކަލީ ވަލްނަރަބަލް" މީހުންނަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރުންވެސް އެ ސިޔާސަތުތަކުގެތެރޭގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޔޫތު އިނޮވޭޝަން ލެބާއި، ޔޫތު އެންޓަރޕްރިނިއަޝިޕް އިންކިއުބޭޓަރސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ހިމަނާފައިވެއެވެ. އަދި ފަންނުވެރިކަމަށް ޚާއްޞަ ލޯނު ސްކީމް ފުޅާކުރާނެކަމަށް މި ސިޔާސަތުގައި ކަނޑައަޅަފައިވެއެވެ.

ޒުވާނުންގެ ސިއްޙަތު ރަނގަޅުކުރުމަށްޓަކައި ޕްރައިމަރީ ހެލްތުކެއަރ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްތައްކުރުމާއި، ކުޅިވަރުގެ އެކި ވަޞީލަތައްތައް އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށްވެސް ހިމަނާފައިވެއެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރުމާއި، ތިލަފުއްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރުމަށް މި ސިޔާސަތުގައި ހިމަނާފައިވެއެވެ.

ޒުވާނުންނަށް ޚާއްސަކޮށް ތައާރަފްކުރި ސިޔާސަތުގައި ހިމެނޭ އެހެން ބައިތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުން، ޒުވާނުންނާއި ޓެކްނޮލޮޖީ، ހުނަރުވެރި ޒުވާނުން އަދި ބޭނުންތެރި ހުސްވަގުތުގެ ނަމުގައި އެކި ސިޔާސަތުތައްވެސް ހިމަނާފައިވެއެވެ.