ޚަބަރު

އުމަރު އާއި ފާރިސްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފި


  • އުމަރު ނަސީރުގެ ރަނިންމޭޓަކީ މާޒް ސަލީމް

  • ފާރިސްގެ ރަނިންމޭޓަކީ ޑރ އަބްދުއް ސައްތާރު ޔޫސުފް

  • މިހާތަނަށް 7 ކެނޑިޑޭޓެއްގެ ކެނޑިޑެންސީވަނީ ބަލައިގެންފައި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އާއި ފާރިސް މަޢުމޫންގެ ކެންޑިޑަސީ ފޯމް، އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް އާއި އުމަރު ފޯމު ހުށައެޅުއްވީ އިއްޔެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް މަޢުމޫން އާއި އުމަރު ނަސީރު ހުށައެޅުއްވި ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާތީ މިދެބޭފުޅުންގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލުކުރައްވާފައިވާކަމަށެވެ.

މިއާއެކު މިހާތަނަށް ކުރިމަތިލެއްވި 8 ކެނޑިޑޭޓުންގެ ތެރެއިން 7 ކެނޑިޑޭޓެއްގެ ފޯމު މިވަނީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައެވެ. މިހާތަނަށް ބަލައި ނުގަނެވަނީ އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ހަސަން ޒަމީލްގެ ފޯމު އެކަންޏެވެ. އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާލް ހަބީބް ވިދާޅުވީ، އެފޯމާ އެކު ހުށައަޅާފައި ހުރި ލިޔުންތައް މިހާރު ބަލަމުންދާކަމަށާއި، މިއަދުގެ ވަގުތެއްގައި ކެނޑިޑެސީ ފޯމާމެދު ނިންމާގޮތެއް ހާމަކުރައްވާނެ ކަމަށެވެ.