ޚަބަރު

ސިފައިންނާ ފުލުހުންގެ ފްލެޓް މިމަހު ނިމޭނެކަމުގެ ޔަަޤީންކަން އެބައޮތް: ޕްލޭނިން މިނިސްޓްރީ


  • ފުލުހުންނާ ސިފައިގެ ފްލެޓްގެ މަސައްކަތް ފެށީ 2013 ވަނަ އަހަރު

  • އެއީ ޖުމްލަ 691 ފްލެޓް

  • ފްލެޓްތައް ނިންމާ، މިމަހު ހަވާލުކުރެވޭނެކަމުގެ ޔަޤީންކަން ޕްލޭނިންގ މިނިސްޓްރީން ދެއްވާ

ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސިފައިންނާ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ފުލުހުންނާ ސިފައިންގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށީ މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. މި ދެ ޕްރޮޖެކްޓްވެސް ކުރިއަށްގެންދިޔައީ ނޫމަޑި ކުންފުންނާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެކި މައްސަލަތަކާއި ގުޅިގެން ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

އޭރު މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފުލުހުންނާ ސިފައިގެ ލިސްޓްވެސް އޮތީ އިޢުލާންކޮށްފައެވެ.

ދިގު މުއްދަތަކަށް މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މި ސަރުކާރުން އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލުކުރިއެވެ. މަސައްކަތް ހަވާލުކުރިއިރުވެސް ގިނަ ފްލެޓްތަކުގައި ނިމިފައި ހުރީ ކޮންކްރީޓް ސްޓްރަކްޗަރ އެކަންޏެވެ.

ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި އޮތީ މިއަހަރުގެ ޖުލައިގެ މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ. ނަމަވެސް ކުރީގެ ކޮންޓްރެކްޓަރުން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ ގޮތުގެ ސަބަބުން، ޕްރޮޖެކްޓަށް ބައެއް ލަސްތަކެއް އައިސްފައިވާކަމަށް ޕްލޭނިން މިނިސްޓަރ އަސްލަމްވެސް މީގެކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތް ހަވާލުކުރި މުއްދަތު ޖުލައިގެ ނިޔަލަށް ހަމަވެފައިވާއިރު، ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ މި އޯގަސްޓްމަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމޭކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ފިނިޝިން މަސައްކަތްތައްވެސް ހިމެނޭހެންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ޢަމަލީ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

މި ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ފައިސާ ދެއްކުމަށް ބޮޑެތި ޚަރަދުތަކެއްވެސް ކޮށްފައިވެއެވެ. މިއީ ފްލެޓްތައް ލަސްވުމުގައި އެންމެ ބޮޑު ކަންވޮޑުވުމެއްވެސް އޮތް ސަބަބެވެ.

ފްލެޓްތައް ހަވާލުކުރުމުގެ ކުރިން، އެތަންތަން ހުންނާނެގޮތުގެ "މޮކަޕް އެޕަރޓްމަންޓް"އެއް މިދިޔަ އަހަރު ފަހުކޮޅު ވަނީ ދައްކާލާފައެވެ.

މި މަޝްރޫޢުގައި ސިފައިންގެ "ސިފްކޯ ހިޔާ"ގައި ހިމެނެނީ 330 ފްލެޓެވެ. އަދި ފުލުހުންގެ "ޕޮލްކޯ" ފްލެޓުގައި ހިމެނެނީ 361 ހައުސިންގ ޔުނިޓެވެ. މިއީ ސޯޝަލް ހައުސިންއަށްވުރެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރާ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.