ޚަބަރު

މަކުނުދޫގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކާ ސާމާނު ރަށަށް ގެންގޮސްފި


  • މަކުނުދޫއަކީ ހދ.ގެ އެހެން ރަށްރަށާ ދުރުގައި އޮންނަ ރަށެއް

  • ބިން ހިއްކަން ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، އެކަމަށް ފަހުގެ ތައްޔާރީތައް ދަނީ ވަމުން

  • ކައުންސިލްއިން ވިދާޅުވަނީ މި ޕްރޮޖެކްޓާއެކު، ރަށުގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވޭނެކަމަށް

ހދ. މަކުނުދޫގައި އެއަރޕޯޓް މަޝްރޫޢަށް ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ޕްރޮޖެކްޓްގައި މަކުނުދޫ ފަޅުން 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ކޮންޓްރެކްޓަރު އަންނަނީ ވަމުންނެވެ.

އެގޮތުން ބިން ހިއްކާ ޑްރެޖަރާއި، އެ މަސައްކަތަށް ބޭނުންވާ ސާމާނު އަންގާރަދުވަހު ވަނީ އެރަށަށް ގެންގޮސްފައެވެ. މީހާރު ކުރިއަށްދަނީ ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ، އީ.އައި.އޭ ރިޕޯޓުގެ އެންމެ ފަހުގެ މަރުޚާލާއެވެ. ކޮންޓްރެކްޓަރާ ހަވާލާދީ މަކުނުދޫ ކައުންސިލުން ވިދާޅުވީ، އީ.އައި.އޭ އެޕްރޫވް ލިބުމާއެކު ބިން ހިއްކަން ފަށާވަރަށް ރަށުގައި ތައްޔާރީތައް ވަމުންދާކަމަށެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އަޢުޡަމް އާދަމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މި ޕްރޮޖެކްޓް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށްފަހު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ރަށުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިފައިކަމަށެވެ. އީ.އައި.އޭ ރިޕޯޓް ލިބުމާއެކު ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނި ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދުއަކީ އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި، ހދ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮތް ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރަށުގެ އާބާދީ 2000އާއި ގާތްކުރެއެވެ. ފެރީގެ ނިޒާމު އައުމުގެ ކުރީގައި ރަށުގެ ރައްޔިތުން ދަތުރުކުރަމުން އައީ ވަރަށް ދަތި ހާލުގައި، ބޮޑެތި ޚަރަދުތައް ކޮށްގެންނެވެ.

މިހާރުވެސް މޫސުން ގޯސްވާ ދުވަސްވަރު އެ ދަތިކަން ވަރަށް ބޮޑަށް އޮތްކަމަށް ކައުންސިލްގެ ރައީސް އަޢުޡަމް އާދަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޫސުން ގޯސް ދުވަސްވަރު އެވެސްވަރަކަށް ރަށުން ބޭރު ނުވެވި ތިބެންޖެހޭކަމަށެވެ.

އަޢުޡަމް ވިދާޅުވީ، ދަތުރުފަތުރުގައި ރައްޔިތުންނަށް ލިބޭ ލުއިފަސޭހައިގެ އިތުރުން، އެންމެ ބޮޑު ބޭނުމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ ފުރުޞަތުތައް ފަހިކުރުންކަމަށެވެ.

"އިޤްތިޞާދީގޮތުނާއި ޢުމްރާނީގޮތުން ބޮޑު އިންގިލާބީ ބަދަލެއް ފެންނާނެ. އާ ގިނަ އިކޮނޮމިކަލް އެކްޓިވިޓީތައް އަނާނެ. މަސައްކަތް ކުރަމުންދަނީ މަކުނުދޫ ފަޅުން މަންފާ ހޯދޭގޮތަށް އިންވެސްޓަރުންނަށް ހުޅުވާލާ، އިކޮނޮމިކް ހަބަކަށް ސަރަޙައްދު ހަދަން." އަޢުޡަމް ވިދާޅުވިއެވެ.

މަކުނުދޫ ފަޅަކީ ގާތްގަނޑަކަށް 10000 ހެކްޓަރުގެ ފަޅެކެވެ.

މަކުނުދޫ ފަޅުން 43 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، 3493 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މީގެތެރޭގައި ހިމެނެއެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫޢު ބިގްފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 366 ދުވަހުން ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މަކުނުދޫ އެއަރޕޯޓް ތަރައްގީކުރާނީ 1500 މީޓަރުގެ ރަންވޭއަކާއެކުއެވެ.

މަކުނުދޫގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙާއްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.