ޚަބަރު

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެ: މިނިސްޓަރ


  • ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސަރ ލެޓަރ" ދަނީ ދޫކުރަމުން

  • ދަރިވަރުގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް

  • ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

  • ދަރިވަރުންނަށް މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ސެޝަންއެއް ބުރާސްފަތި ދުވަހު އޮންނާނެ

މިއަހަރު ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސަރ ލެޓަރ" ދޫކުރަމުންދާކަމަށާއި، ލޯނު ހަމަޖެހުނު ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ހުޅުވާލެއްވި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. އެއީ 1275 ފަރާތެކެވެ.

މިއަހަރު ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސަރ ލެޓަރ" ދޫކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދޫކުރާ "ސްޕޮންސަރ ލެޓަރ" އިން އެ ދަރިވަރަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް ލޯނު ލިބިފައިވާ ދަރިވަރެއްކަމާއި، ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހިގެންދާނެކަން އެނގިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓާރ ވިދާޅުވީ، ލޯނު ލިބުނު ކޮންމެ ދަރިވަރަކަށްވެސް މިނިސްޓްރީން ލޯނު ލިބުނުކަމުގެ ލިޔުމާއެކު ލޯނުގެ ފައިސާ ހޯދުމަށް އެ ދަރިވަރަކު އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު މެއިލް ކޮށްފައިވާނެކަމަށާއި އެހެންކަމުން ކޮންމެ ދަރިވަރަކު ވެސް އެ ލިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، މިއަހަރު ލޯނު ލިބުނު ފަރާތްތަކަށް އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ފައިސާ ވެސް ސްޓޫޑެންޓް ލޯނުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ. އަދި ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށްޓަކައި ކޮންމެ ދަރިވަރަކު ވެސް ލޯނު ލިބުނުކަމުގެ ލިޔުމާއިއެކު ފޮނުވާފައިވާ މެއިލުގައިވާ ގޮތަށް ޑޮކިއުމެންޓްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް ފަންޑް މެއިލަށް ފޮނުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ އެދިވަޑައިގެންފައެވެ.

ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ޚާއްސަ އޮންލައިން ސެޝަނެއް 03 އޮގަސްޓް 2023 ގައި އޮންނާނެއެވެ. މި ސެޝަން ކުރިއަށްދާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.