ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި އޮގަސްޓް ފުރަތަމަ ހަފްތާގައި ނިމޭނެ


ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ މަސައްކަތްތައް އަންނަ އޮގަސްޓްމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ނިންމާނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމަށް އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީއިން ހަވާލުކުރެއްވީ 2020 ވަނަ އަހަރުއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ ފުވައްމުލައް ސިޓީގެ އެތެރޭގެ 34 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށެވެ. އެއީ 18 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ 31 މަގު ތަރައްޤީކުރުމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން އިތުރު މިޕްރޮޖެކްޓަށް އިތުރު 3 މަގުވަނީ އިތުރުކޮށްފައެވެ. އެއީ ކުރިން ގައު އަޅައިގެން ހަދާފައިވާ 3 ކިލޯމީޓަރުގެ މަގެވެ.

މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން އެދުނު ބަދަލުތަކާއެކުކަމަށެވެ. މި ޕްރޮޖެކްޓަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި، މަސައްކަތް މިހާރު މުޅިން ނިމުމަކާ ގާތްވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"ފޭސް 2ގެ މަސައްކަތްތައް އޮގަސްޓް ފުރަތަމަ ހަފްތާގައި ނިންމާނަން. އޮގަސްޓް 10ގެ ކުރިން ހުރިހާ މަގުތައް ރައްޔިތުންނަށް ބޭނުން ކުރެވޭނެ." އާޒިމް ވިދާޅުވިއެވެ.

ފުވައްމުލަކަށް ދިމާވާ އެންމެ ބޮޑު އެއް މަސައްލައަކީ ވިއްސާރަ ދުވަސްވަރު މަގުގައި ފެން ބޮޑުވެ ފެން ނުހިނދުމުގެ މައްސަލައެވެ. އެތައް ދުވަހަކުން ފެންގަނޑު ހިނދޭއިރު މަގުތައް ވަރަށް ބޮޑަށް ޗަކަވެ ބޭނުންކުރުމަށްވެސް ދަތިވެއެވެ. އެހެންކަމުން މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމުވަނީ ޤާއިމުކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަޝްރޫޢަކީ 279 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރުން މިވަނީ ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާއި ހަވާލުކުރައްވާފައެވެ. މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު އެތެރޭގެ 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުތަކުގައި މަގުބައްތި ހަރުކުރާނެއެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް 255 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

ފުވައްމުލަކުގައި އެންމެ ފުރަތަމަ ކުރިގެންގޮސްފައިވަނީ ރަށުގެ ވަށައިގެން އޮތް ރިންގް ރޯޑްގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރައްޤީކޮށްފައިވެއެވެ. އެއީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.