ޚަބަރު

ސިމްކާޑު ދޫކުރާނެ ލިމިޓެއް: ދިވެއްސެއްގެ ނަމުގައި ގެންގުޅެވޭނީ 10 ސިމް


  • ސިމްކާޑު ދޫކުރެވޭނީ 18 އަހަރުން މަތީގެ މީހުންނަށް

  • ދިވެއްސަކަށް އެންމެ ގިނަވެގެން ގެންގުޅެވޭނީ 10 ސިމް، ބިދޭސީއެއްނަމަ 3 ސިމް

  • ކަނޑައެޅިފައިވާ ލިމިޓަށްވުރެ ގިނަައިން ސިމް ގެންގުޅޭ ފަރާތްތަކަށް 3 މަހުގެ މުހުލަތެއް ލިބޭނެ

  • ޤަވާއިދާ ޚިލާފުވާނަމަ އެޅޭނެ އިދާރީ ފިޔަވަޅުތައްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވޭ

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކޮށް ވަކި ފަރުދަކަށް ސިމް ރަޖިސްޓްރީ ކުރެވޭނެ އަދަދު ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައެޅީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު ގެ 120 ވަނަ މާއްދާގެ ނ އަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދުގައެވެ.

ރާއްޖޭގައި މިޙިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި އޮތްއިރު، ކުރިން ބޭނުންވަރަކަށް ސިމްކާޑު ވަކިވަކި ފަރުދުންނަށް ރަޖިސްޓްރީ ކުރެވެއެވެ. އެހެންނަމަވެސް "މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު" އޮތް ގޮތުން ދިވެހި ރައްޔިތެއްނަމަ އެންމެ ގިނަވެގެން ރަޖިސްޓްރީކޮށްގެން ގެންގުޅެވޭނީ ދިހަ ސިމްކާޑެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ ނުވަތަ ޓޫރިސްޓެއްނަމަ ރަޖިސްޓްރީ ކުރެވޭނީ ތިން ސިމްކާޑެވެ. އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ، ދިހައެއް ސިމްކާޑު ރަޖިސްޓްރީ ކުރެވޭނެކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

އަލަށް ގެޒެޓްކުރި ގަވާއިދުގައި ވާގޮތުން އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ޤާނޫނީ އެހެން ޝަޚުޞުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރާއިރު ވަކި މިންގަނޑެއް ކަނޑައަޅާފައެއްނުވެއެވެ. ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް، އެއްވެސް ފަރާތަކަން ނަންބަރު ބޭނުންވާނަމަ، މަޤުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމަށް ހުއްދަ ދޭނީ އެ އޮތޯރޮޓީންނެވެ.

މިޤަވާއިދަށް އަމަލު ކުރަންފަށާނީ ޤަވާއިދު ގެޒެޓް ކުރި ތާރީޙުން ފެށިގެން އެއްމަސްވުމުންނެވެ. މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި، ނަންބަރު ބޭނުންކުރުމުގެ އުޞޫލަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޒުލައިޚާ އިބްރާހިމް ވިދާޅުވީ، މި ޤަވާއިދުގައިވާ ގޮތުގެ އިތުރަށް ސިމް ގެންގުޅޭނަމަ އެމީހަކު ބޭނުން ކުރާނެ ސިމްތައް ކަނޑައެޅުމަށް ތިންމަސްދުވަހުގެ މުއްދަތެއް ދީފައިވާނެކަމަށެވެ.

"ޤަވާއިދަށް އަމަލުކުރަންފެށޭ ތާރީހުންފެށިގެން ތިންމަސްދުވަސް ލިބޭނެ މިހާރު ގެންގުޅޭ ސިމްތަކުގެ ތެރެއިން ގެންގުޅޭނެ ސިމްތައް ކަނޑައެޅުމަށް، މިކަން ތަންފީޒުކުރުމަށް އޭގެފަހުން އަންނަ ތިންމަސްތެރޭގައި މަސައްކަތް ފެށޭނެ އަދި ބޭނުން ކުރާނެ ސިމްކަނޑަނާޅާނަމަ މި ޙިދުމަތް ފޯރުކޮށްދޭ ދެ ކުންފުންޏަށް ސިމްތައް ޑިއެކްޓިވޭޓް ކުރުމުގެ ބާރު ލިބޭނެ" ޒުލައިޚާ ވިދާޅުވިއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވިދާޅުވީ، މި ގަވާއިދުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން
ބަޔާންކުރުމެވެ. ރާއްޖޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް އިންތިހާއަށް ގިނަވެފައިވާއިރު، މި ކަންކަން ހައްލު ކުރުމަށް މި ގެނައި ބަދަލާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ އޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ޤަވާއިދުގެ ދަށުން ރާއްޖޭގައި މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމަށް ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމްކާޑު) ދޫކުރެވޭނީ އޮތޯރިޓީން މޯބައިލް ޓެލެކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އޭޖެންޓުންނެވެ. އަދި މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމުގެ ޚިދުމަތަށް އެދޭ ފަރާތަށް ސިމްކާޑު ދޫކުރާއިރު ސިމްކާޑު އޮންނަންވާނީ ބޭނުންނުކުރެވޭ ނުވަތަ ނޮން އެކްޓިވޭޓަޑް ސްޓޭޓަސް ޙާލަތުގައެވެ. ސީމްކާޑު އެކްޓިވޭޓް ކުރަންވާނީ ސިމްކާޑު ދޫކުރެވޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ކަވަރުކުރުމަށްފަހު ސިމްކާޑަށް ދޫކުރެވޭ މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރެވިގެންކަމަށްވެސް ޤަވާއިދުގައިވެއެވެ.

މި ޤަވާއިދާއި ޚިލާފުކަމެއް ސަރވިސް ޕްރޮވައިޑަރު ނުވަތަ ސަރވިސް ޕްރޮވައިޑަރުގެ އޭޖެންޓަކު ކޮށްފިނަމަ އެފަރާތަކާމެދު އެޅޭނެ އިދާރީ ފިޔަވަޅުތައްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޤަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ފުރަތަމަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއްދިނުމަށްފަހު އެކަން އެންގޭނެއެވެ. ދެވަނަ ފަހަރަށްނަމަ އެކަމެއް ރަނގަޅުކުރުމަށް އަންގާ 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ތިންވަނަ ފަހަރަށް ނަމަ އެކަމެއް ރަނގަޅުކުރުމަށް އަންގާ 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ހަތަރުވަނަ ފަހަރަށް ނުވަތަ އެއަށްވުރެ އިތުރަށް ޤަވާއިދާ ޚިލާފުވާނަމަ ކޮންމެ ފަހަރަކު 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމަށްވެސް މި ޤަވާއިދުގައި ވެއެވެ.