ޚަބަރު

ގދ. ތިނަދޫ 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ނިންމައިފި


  • އާރް.ޑީ.ސީއާއި މަސައްކަތް ޙަވާލުކުރީ 8 އޭޕްރީލް 2021

  • މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 14 މަގެއް ތަރައްޤީކުރި

  • މިހާރު ކުރިއަށްދަނީ އިތުރުކުރި 500 މީޓަރުގައި ތާރުއެޅުމުގެ މަސައްކަތް

  • 78 މިލިއަނަށްވުރެ ގިނަ ރުފިޔާ މަޝްރޫޢަށް ޚަރަދުވޭ

ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ނިންމާލައިފިއެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރު އަޅާ ވަނީ ތަރައްޤީކޮޮށްފައެވެ.

ތިނަދޫ މަގުތައް ތާރުއަޅާ ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރް.ޑީ.ސީއާއި ޙަވާލުކުރައްވާފައިވަނީ 8 އޭޕްރީލް 2021 ގައެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު، ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީއިން ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

މަގުހެދުމުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބަށްބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.5 ކިލޯމީޓަރުގެ މަގުގައި ވަނީ ތާރުއަޅާ އެއްކޮށް ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ސްކޯޕަށްފަހުން އިތުރުކުރި 500 މީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތްކަމަށްވެސް އާރް.ޑީ.ސީިން ބުނެއެވެ.

މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކުރިފަހުން، މަޝްރޫޢުގެ ސްކޯޕަށް ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. އެގޮތުން ކުރިން ހަދަންފަށާފައި ނުނިމިހުރި 5 މަގެއްގެ، ޖުމްލަ 594 މީޓަރުގެ މަސައްކަތް ކުރުމާއި، މަޝްރޫޢުގައި ހިމެނޭ މަގުތަކާއި، އެހެނިހެން މަގުތަކުގައިވެސް މަގުބައްތި ޖެހުމާއި، ހައުސިންގ ޔުނިޓް އޭރިއާގެ ފްލަޑިންގ ރެކްޓިފިކޭޝަން މަސައްކަތް ކުރުން ހިމެނެއެވެ.

މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ޓްރެފިކް ނިޝާން ކުރަހާ، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ކުރާނެއެވެ. މި މަޝްރޫޢަށް އިތުރުކުރި މަސައްކަތްތަކާއެކު މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވާ މުއްދަތު މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ސަރުކާރުން ވަނީ އިތުރުކޮށްދެއްވާފައެވެ. ތިނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.