މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ އިޝްތިހާރުކުރުމަށް ޑިޖިޓަލް އަދި ޕްރިންޓް މާކެޓިންގް ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ. މި މާކެޓިންގ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވޯގް ފްރާންސްއާއި ގުޅިގެންނެވެ.
އެމް.އެމް.ޕީ.އާރު.ސީން ބުނީ މި ކެންޕެއިން ކުރިއަށްގެންގޮސްފައިވަނީ 1 މަސްދުވަހުގެ މުއްދަތަކަށްކަމަށެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ބްރޭންޑް ޕްރެޒެންސް ހަރުދަނާކޮށ،ް މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ވޯގް ފްރާންސްއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މެގަޒިންއެކެވެ. އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގެ ސަބަބުން ފްރެންޗް މާކެޓުގެ އިތުރުން އެހެނިހެން ފަރަންސޭސިވިލާތުގެ ދަތުރުވެރިންނަށް ވެސް ރާއްޖެއާއި ގުޅޭ މަޢުލޫމާތު ލިބި ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށެވެ.
ވޯގްއަކީ އެކި ފަންތީގެ ކިޔުންތެރިންނަށް އެންމެ ރަނގަޅު އައު އުފެއްދުންތަކާއި ޚިދުމަތްތަކާއި ބެހޭގޮތުން ޚަބަރުތައް ފޯރުކޮށްދޭ އެންމެ މަޝްހޫރު އެއް މަޖައްލާއެކެވެ. ވޯގްގެ ޓާގެޓް އޯޑިއެންސްގެ %46 އަކީ މަތީ ފަންތީގެ ފަތުރުވެރިންނެވެ. އަދި ޑިޖިޓަލް އޯޑިއެންސް މަހަކު 8.9 މިލިއަން މީހުންނަށް ފޯރައެވެ.
އެމްއެމްޕީއާރުސީން ބުނީ ވޯގްއާއެކު އެ ކުންފުނިން ކުރިއަށް ގެންދިޔަ މި ކެމްޕޭނަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް އެހީތެރިވެދިންކަމަށެވެ. މި ކެމްޕޭނުގައި ޕްރިންޓް އަދި ޑިޖިޓަލް ކޮމްޕޮނެންޓް ހިމެނުމުގެ ސަބަބުން ރާއްޖެއަކީ އެންމެ މަޤުބޫލް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކައިދޭ ފޮޓޮއެއް، އެ މަޖައްލާގެ ބޭރު ކަވަރުގައި ވަނީ ޝާއިޢު ކޮށްފައެވެ. އަދި ޑިޖިޓަލް ކޮމްޕޮނެންޓްގައި ރާއްޖޭގެ ފޮޓޯތައް ވޯގް ފްރާންސްގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝާއިޢުކުރިއެވެ.
އެމްއެމްޕީއާރުސީން ބުނީ މަދުވެގެން 300،000 މީހުންނަށް މި ކޮންޓެންޓް ފޯރާފައިވާކަމަށެވެ. މިކެމްޕޭންގައި އިސްކަންދީފައި ވަނީ ރާއްޖޭގެ ލަގްޒަރީ އަދި އާއިލީ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމަށެވެ.
މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސުން ދިވެހިރާއްޖެއަށް 30770 ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރު ފަރަންސޭސިވިލާތަކީ ދިވެހިރާއްޖެއަށް 8 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.