ޚަބަރު

ކުނިމެނޭޖް ކުރުމަށް ފުރަތަމަ ފަހަރަށް ގްރީން ފަންޑުގެ އެހީ ކައުންސިލްތަކަށް


  • ކުނި މެނޭޖް ކުރުމަށް 30.8 މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް

  • އެހީ ދޭނީ ރަށުގެ އާބާދީއާއި ގެބިސީއާއި ރަށުގެ ބޮޑުމިނާއި ކުނި އުފެދޭ މިންވަރަށް ބަލާފައި

ގްރީން ފަންޑުގެ އެހީގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތްތަކަށް ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވައިފިއެވެ. ކުނިމެނޭޖް ކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ގްރީން ފަންޑުގެ އެެހީގައި ކުނި މެނޭޖްކުރުމަށް ފައިސާ ޙަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިމިނަތު ޝައުނާ ވިދާޅުވީ، ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރާއްޖެއަށް ހައްލު ކުރަން ދަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަމަށެވެ.

އެކަން ހައްލު ކުރުމަށް ސަރުކާރުން ކައުންސިލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ މާލީ ގޮތުން ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކާ ހެދިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރަށްރަށަށް ދިމާވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަައަކީ ކުންޏަށްވެފައި، ރައްޔިތުންނާ ކައުންސިލްތަކުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ މީ، މިކަމަށް ގްރީން ފަންޑުން ޚަރަދު ކުރުމަށް ކައުންސިލްތަކަށް ނުދިނުމަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން އިނގޭ ނުކުރާވާހަކަ، އެކަމަށް މިއަދު މިވަނީ ހައްލު ލިބިގެންގޮސްފައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގްރީން ފަންޑު މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިކަން ހައްލުކޮށް ރާއްޖޭގެ ނާޒުކު ރީތި ތިމާވެށި ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު އެއް މަސައްކަތްކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

ގްރީން ފަންޑްގެ އެހީގެ ދަށުން ކުނިމެނޭޖް ކުރުމަށް ކައުންސިލްތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނީ ރަށުގެ އާބާދީއާއި، ގޭބިސީއާއި، ރަށުގެ ބޮޑުމިނާއި، ކުނި އުފެދޭ މިންވަރަށް ބަލާފައެވެ. އަދި ކުނި ނައްތާލުމަށް ބޭނުންވާ ވަޞީލަތްތައް މި ފައިސާގެ އެހީގައި ހޯދިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ބޭއްވި ވިޔަވަތި ކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އެކަކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސް ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީގެ ކޮންމެވެސް މިންވަރެއް ތިމާވެށި ޚިމާޔަތްކުރުމުގެ މަސައްކަތްތަކަށް ކަނޑައެޅުމަކީ ރައީސް ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ކުރެވޭކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނީ ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން 3 ސަރަޙައްދެއްގައި ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމް ކުރަމުންނެވެ. ގްރީން ފްންޑުން ރާއްޖޭގެ އުމްރާނީ ތަރައްޤީއަށްވެސް ގިނަ ހޭދައެއް އަންނަނީ ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް މި ފަންޑުން 260 މިލިއަނަށް ވުރެ ގިނަ ރުފިޔާވަނީ ޙަރަދުކޮށްފައެވެ.