ޚަބަރު

ގަމު ޓާރޝަރީ ހޮސްޕިޓަލާއި، ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް އަންނަމަހު ފަށަނީ


  • ލ. ގަމުގައި ތަރައްޤީކުރަނީ 130 އެނދުގެ ހޮސްޕިޓަލެއް

  • ގދ. ގައްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • މަސައްކަތް ފެށުމަށްޓަކާ އަންނަމަހުގެ ދެވަނަ ހަފްތާގައި ސައިޓް މޮބިލައިޒްކުރާނެ

  • ދެ މަޝްރޫޢަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ

ލ. ގަމުގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، ގދ. ގައްދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އަތޮޅުތަކުގެ ޞިއްޙީ ފަރުވާގެ ކަންކަން ހަރުދަނާކޮށް، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ޖާގަ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ސަރުކާރުން މިވަގުތުވެސް އެކި މަރުޙަލާގައި ތަކުގައި އަންނަނީ ހިންގަވަމުންނެވެ. އެގޮތުން މި ދެ ހޮސްޕިޓަލުގެ މަސައްކަތަކީ ހެލްތު މިނިސްޓްރީން ސްޕޭންގެ ކުންފުންޏެއްކަމަށްވާ ހޮމްޓް އެސްޕަނިއާއާއި ޙަވާލުކުރައްވައިގެން ހިންގަވާ ދެ މަޝްރޫޢެކެވެ.

އެކުންފުންޏާއެކު މި 2 ހޮސްޕިޓަލުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 26 ޖެނުއަރީ 2023 ގައެވެ.

މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް ޑިޒައިންކޮށް ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އިންނެވެ. އެކުންފުނިން ބުނީ މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ.

އެގޮތުން މި ދެ ރަށުގައި މަސައްކަތް ފެށުމަށްޓަކާ އޯގަސްޓްމަހުގެ ދެވަނަ ހަފްތާ ނިމުމުގެ ކުރިން ދެ ރަށުގައިވެސް ސައިޓް މޮބިލައިޒްކޮށް މަސައްކަތަށް ބޭނުންވާ ސާމާނު ގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.


ރާއްޖޭގެ ޞިއްޙީ ނިޒާރު ހަރުދަނާކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގަވާ މިފަދަ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ލިބޭ ފަޚުރަކާއި އުފަލެއްގެގޮތުގައި ދެކޭކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާ ޢުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް މިވަގުތު ހިންގަމުން އަންނަ އެއް ކުންފުންޏަކީ އެމް.ޓީ.ސީ.ސީއެވެ.

ލ. ގަމުގައި ސަރުކާރުން ތަރައްޤީކުރައްވާ 130 އެނދުގެ ހޮސްޕިޓަލަށް ގާތްގަނޑަކަށް 492.35 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި ގައްދޫގައި ތަރައްޤީކުރައްވާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަށް ގާތްގަނޑަކަށް 226.50 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ސްޕޭންގެ ކުންފުންޏާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން، މި ދެ ހޮސްޕިޓަލަށް ބޭނުންވާ ސްޓާފް އެކަމޮޑޭޝަން ބްލޮކްތަކާއި، މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި، މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ދެ ހޮސްޕިޓަލް ތެރެއިން ލ. ގަމު ޓަރޝަރީ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ދީފައިވަނީ 36 މަސް ދުވަހުގެ މުއްދަތަކެވެ. އަދި ގދ. ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 30 މަސްދުވަހުން ނިންމާގޮތަށެވެ.

މި މަޝްރޫޢަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.