ޚަބަރު

މާފުށީ ސިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް


  • މާފުށީ ސިއްޙީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް މަތިކޮށްފި

  • ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތާއި ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

  • އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން

ކ. މާފުށީ ސިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ. މާފުށި ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ ބުދަދުވަހުގައެވެ.

މާފުށީ ސިއްޙީ ޚިދުމަތް ލެވެލް 4 ގައި ނުވަތަ ސިއްޙީ މަރުކަޒެއްގެ އޮތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމުގެ މައިގަނޑު ސަބަބު ގުޅިފައިވަނީ އެރަށުގެ އިޤްތިޞާދީ މައި ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއެވެ. ގިނަ ޢަދަދެއްގެ ފަތުރުވެރިން އެރަށަށް ކޮންމެ ދުވަހަކު އަރާފައިބާއިރުވެސް އެމަރޖެންސީ ޙާލަތެއްގައި މާލެ ގެނައުން ނޫންގޮތެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް މިނިސްޓްރީ އޮފް ހެލްތުން މިހާރުވަނީ މާފުށީ ސިއްޙީ މަރުކަޒު ލެވެލް 4 އަކުން ލެވެލް 1 ގެ ހޮސްޕިޓަލަކަށް ބަދަލުކުރައްވާފައެވެ. އަދި މިބަދަލާއެކު ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޮސްޕިޓަލް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި، ސަލްމާން ރަޝީދު ވިދާޅުވީ، މީގެކުރިންވެސް 24 ގަޑިއިރަށް ހިނގަމުންދިޔަ ހޮސްޕިޓަލުގައި ބައެއް ޚިދުމަތްތައް ލިބެން ހުރިނަމަވެސް، އެންމެ ފުރިހަމަ ސިއްޙީ ޚިދުމަތް އެތަނުގައި ލިބެން ނުހުންނަކަމަށެވެ. އެހެންކަމުން، މިހާރު ހޮސްޕިޓަލެއްގެ ފެންވަރަށް އަޕްގްރޭޑްކުރުމުން އިތުރު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާއި ގުޅިގެން ކުރަމުންދާކަން ސަލްމާން ފާހަގަކުރެއްވިއެވެ.

"މިހާރު އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން. އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިއަދު ނުވަތަ މާދަމާ ހުޅުވާލާނެ." ސަލްމާން ވިދާޅުވިއެވެ.

މުވައްޒަފުންގެ އިތުރުން، ހޮސްޕިޓަލުގެ ޚިދުމަތް އިތުރުކުރުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށް، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަލްމާން ވިދާޅުވިއެވެ.

މާފުށީ ހޮސްޕިޓަލުގައި މިހާރުވެސް 6 ޑޮކްޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޢާއްމު ބަލިތަކުގެ 2 ޑޮކްޓަރުންނާއި، އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރަކާއި، ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ޑެންޓިސްޓަކު ޚިދުމަތްދޭކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލަކަށް ބަދަލުވުމާއެކު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.