ޚަބަރު

ކޮމަންޑޫ ރައްޔިތުން އެދޭގޮތަށް ކުޑަފަރުގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނަން: ރައީސް


  • ރާއްޖޭގެ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮތުމަކީ ރައީސްގެ ވައުދެއް

  • ކުޑަފަރުގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

  • ދެކޮމަންޑޫ ގުޅާލާ މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވި

  • ކޮމަންޑޫ ހެލްތު ސެންޓަރު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވި

ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ކޮމަންޑޫ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ، ކުޑަފަރުގައި 5 އަހަރު ތެރޭ އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމަންޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ދެވަނަ ދައުރެއްގައި ކޮމަންޑުއަށް ކޮށްދެއްވާނެ ކަންކަން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ޖުލައިމަހު ފަހުކޮޅު ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ދެ ކޮމަންޑޫ ގުޅާލާ، މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެކަމަށެވެ. އަދި ކޮމަންޑޫ ޞިއްޙީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ވަޢުދެއް ކޮންމެ 20 މިނެޓަކުން ދަތުރުކޮށްދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮތުން. މި ކޮމަންޑޫއާއި މި ހިސާބުގައި ހުރި ބައެއް ރަށްރަށަކީ އެ ގުޅުން ނެތް ރަށްރަށަށް. 20 މިނެޓުން ނާދެވޭ ރަށްރަށް އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި މި ކޮމަންޑޫ ކައިރީގައި ކުޑަފަރުގައި ތިބޭފުޅުން އެވިދާޅުވާގޮތަށް އަޅުގަނޑުމެން އެއަރޕޯޓެއް އަޅައިދޭނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް އެއީ ކޮންމެ ރައްޔިތަކުންވެސް ބޭނުންވާނެކަމެއްކަމަށާއި، އެއީ ހަމައެކަނި ބުނާބަހަކުން ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެއާއެކު ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފާއިތުވި 5 އަހަރު ދުވަހު މި ސަރުކާރުން ކުރި އެންމެ ބުރަ އެންމެ މުހިންމު މަސައްކަތަކީ މި ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމަޢުއަކަށް ހެދުމަށް ކުރި މަސައްކަތްކަމަށެވެ. އަދި އެކަމުގެ ނަތީޖާ މާލެއާއި އަތޮޅުތަކުން ފެންނަމުންދާކަމަަށް ރައީސް ވިދާޅުވިއެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި ރާއްޖޭގެ ޙާލަތު އޮތްގޮތް އަޅުގަނޑު ތަފްޞީލުކޮށް ކޮންމެހެން ދަންނަވާކަށް ނުޖެހޭނެ. މަގުމަތީގައި މީހުން މަރަމުންދަނީ. ވިޔަފާރިވެރިއަކަށް ހަމަޖެހިލައިގެން ވިޔަފާރިއެއްނުކުރެވޭ. ސިޔާސީ ސަރުކާރާއި ޚިޔާލު ތަފާތު މީހެއްވެއްޖެއްޔާ އިންނަންޖެހުނީ ޖަލުގައި ނޫނީ ރާއްޖެއަށް ނާދެވި. ނޫސްވެރިންނަކަށް އަނގައެއް ނުހުޅުވޭ. މިހެންގޮސް މި ލިސްޓު އަޅުގަނޑަށް ކިތަންމެ ދިގުކޮށްވެސް ކިއީދާނެ. އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެން ވެރިކަމާއި ޙަވާލުވެ ކުރަން މިފެށި ކަންތައްތަކުން މިއައި ބަދަލު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވެސް ފެނިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ކޮންމެ ފަރުދަކީވެސް އުފާވެރިކަމާއެކު ހަމަޖެހިގެން ރާއްޖޭގައި އުޅެވޭ މީހަކަށްވާންޖެހޭކަމަށެވެ. އަދި އަސާސީ ޚިދުމަތްތަކުން މަޙްރޫމުވެތިބެ އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އާބާދީގެ ކުޑަ ބޮޑުމިނެއް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ލަފާފުރުމާއި ފެނާއި ނަރުދަމާއާއި ފެންވަރު ރަނގަޅު ތަޢުލީމާއި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި އެނޫންވެސް އެތައް މަޝްރޫޢެއް ކުރިއަށްދާކަމަށާއި މިކަންކަމާއެކު ރާއްޖޭގެ އިޤްތިޞާދު ދެގުނަވެގެންދާ މަންޒަރު މިހާރު ފެންނަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.