ވިޔަފާރި

ހަނިމާދޫން ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް ބިން ދޫކުރައްވަނީ


  • ހަނިމާދޫ ޓޫރިޒަމް ޒޯންއިން ދިގު މުއްދަތަކަށް 12 ބިމެއް ކުއްޔަށް ދޫކުރަނީ

  • މީގެތެރޭގައި 10،000 އަކަފޫޓުގެ 4 ބިމެއް ހިމެނޭ

  • 5000 އަކަފޫޓޫގެ 8 ބިމެއް ދޫކުރާނެ

ހދ. ހަނިމާދޫ ޓޫރިޒަމް ޒޯންއިން ދިގު މުއްދަތަކަށް 12 ބިމެއް ކުއްޔަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން އިޢުލާންކޮށްފައިވަނީ 10،000 އަކަފޫޓުގެ 4 ބިމަކާއި 5000 އަކަފޫޓޫގެ 8 ބިމެއް ވިޔަފާރީގެ އުޞޫލުން ދޫކުރުމަށެވެ. މީގެތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދޫކުރަނީ 40 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި 5000 އަކަފޫޓޫގެ ބިންތައް ދޫކުރަނީ 30 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހަނިމާދޫ ކައުންސިލުން ވިދާޅުވީ، މި ބިންތަކަށް ހުރިހާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެކަމަށެވެ. އަދި މިހާރުވެސް މި ބިންތަކަށް ޑިމާންޑް ބޮޑުކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ހަނިމާދޫ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލްގެ ވިސްނުމަކީ ހަނިމާދުއަކީ ފަތުރުވެރިކަމަށް ފައްކާވެފައި އޮތް ރަށަކަށް ހެދުންކަމަށެވެ. އެގޮތުން މި ބިންތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މިއީކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މީގެއިތުރުން ސަރުކާރަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެސް ކައުންސިލް އަމިއްލަ ފައިމައްޗަށް ތެދުވުމަކީވެސް މީގެ ބޭނުމެކެވެ. އަދި މިއީ ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ ރައްޔިތުން ފުދުންތެރިކުރުވައި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމެއްކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. މި ބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

5000 އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 06 އޯގަސްޓް 2023 ވާ އާއްދީއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައިކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއެވެ.

މި ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މި މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ކައުންސިލުން ވިދާޅުވީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންއަންނައިރު ފަތުރުވެރިކަންވެސް އެއަރޕޯޓް މަޝްރޫޢުއާއެކު ކުރިއަރަންޖެހޭކަމަށެވެ. އެހެންކަމުން މި ދޫކުރެވޭ ބިންތަކާއިއެކު އެ ރަށުގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ހަނިމާދޫގައި މިހާރުވެސް 5 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ހުރަހަކީ ދަތުރުފަތުރުގެ ދަތިކަންކަން ކައުންސިލުން ފާހަގަކުރެއެވެ. އެހެންނަމަވެސް އެއަރޕޯޓް މަޝްރޫޢުއާއެކު މިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.