ޚަބަރު

އެމްޕީއެލްގެ ޕޯޓް ކޮމިއުނިޓީ ފަންޑަށް 49 ޕްރޮޕޯސަލް ހުށަހަޅައިފި


  • އިވެލުއޭޝަނަށް ޝަރުޠު ހަމަވީ 31 އެޕްލިކޭޝަނެއް

  • އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖަމްޢިއްޔާތަކުން

  • މި ފަންޑަށް ޖުމްލަ 6 ލައްކަ ރުފިޔާ އެމްޕީއެލުން ކަނޑައަޅާފައިވޭ

  • ކުދި 8 ޕްރޮޖެކްޓަކަށް ކޮންމެ ޕްރޮޖެކްޓަކަށް ބައިލައްކަ ރުފިޔާ

  • ބޮޑު 2 ޕްރޮޖެކްޓަކަށް ކޮންމެ ޕްރޮޖެކްޓަކަށް އެއްލައްކަ ރުފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ތަޢާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ބުރަށް ޖުމްލަ 49 ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމް.ޕީ.އެލްއިން ކޮމިއުނިޓީ ފަންޑެއް ތަޢާރުފްކޮށް މި ފަންޑުގެ އެހީގައި މަޝްރޫޢުތައް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެކުންފުނިން ހުޅުވާލީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ.

ޕޯޓް ކޮމިއުނިޓީ ފަންޑަކީ މުޖުތަމަޢަށް އެކި ގޮތްގޮތުން ބޭނުންޖެހިފައިވާ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމަޢު ބާރުވެރިކޮށް، މުޖުތަމަޢާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމް.ޕީ.އެލުން އުފެއްދި ޚާއްޞަ ފަންޑެކެވެ. އެގޮތުން މައިގަނޑު 3 ދާއިރާއެއް ޚާއްޞަކޮށްފައިވެއެވެ. އެއީ ތިމާވެށި، އިޤްތިޞާދު އަދި އިޖްތިމާޢީ ދާއިރާއެވެ.

މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެމް.ޕީ.އެލްއިން ބުންޏެވެ. އެގޮތުން ފަންޑުގެ ފުރަތަމަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 31 މެއި 2023 އަށް ހަމަވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 49 ޕްރޮޕޯސަލެއް ލިބިފައިވާކަމަށް އެކުންފުނިން ބުންޏެވެ. މީގެ ތެރެއިން އިވެލުއޭޝަނަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަނެކެވެ.

މި ފަންޑަށް އެންމެ ގިނައިން އެޕްލިކޭޝަން ހުށަހަޅާފައިވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނެވެ. ސްކޫލްތަކުން 13 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، ކައުންސިލްތަކުން 5 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ. އަދި އަމިއްލަ ފަރާތްތަކުން 4 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށްދަނީ އެޕްލިކޭޝަންތައް ރިވިއުކުރުމުގެ މަރުޙަލާކަމަށް އެމް.ޕީ.އެލުން ބުންޏެވެ. ރިވިއުކުރުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެމް.ޕީ.އެލްއިން ބުނީ ޕޯޓް ކޮމިއުނިޓީ ފަންްޑަށް ހުށަހަޅާ އެޕްލިކޭޝަންތަކަށް ޕޮއިންޓް ދިނުމުގައި އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓްތަކަށް އިސްކަންދެވޭނެކަމަށެވެ. އެގޮތުން އދ.ގެ ލަނޑުދަނޑިތަކާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓްތަކަށް %40 މާކްސް ދޭނެއެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓަކަށް %20 އަދި ޕްރޮޖެކްޓް ޕްލޭނާއި ތަންފީޒްކުރުމަށް %30 މާކްސް ދޭނެއެވެ. އަދި ޕްރޮޕޯސަލެއްގެ ޕްރޮފައިލްއަށް %10 މާކްސް ދޭނެއެވެ.

މި ފަންޑަށް ޖުމްލަ 6 ލައްކަ ރުފިޔާ އެމް.ޕީ.އެލްއިން ކަނޑައަޅާފައިވައިރު، ޖުމްލަ 10 މަޝްރޫޢަށް ބޭނުންވާ މާލީ އެހީ މި ފަންޑުން ފޯރިކޮށްދޭނެއެވެ. އެއީ ސްމޯލް ސްކޭލްގައި ހިންގާ 8 މަޝްރޫޢަކަށް ކޮންމެ މަޝްރޫޢަކަށް ބައިލައްކަ ރުފިޔާ، އަދި ލާޖް ސްކޭލްކޮށް ހިންގާ 2 މަޝްރޫޢަކަށް ކޮންމެ މަޝްރޫޢަކަށް އެއްލައްކަ ރުފިޔާއެވެ.