ޚަބަރު

އއ.މާޅޮހުގައި ތަރައްޤީކުރާ އިޖުތިމާޢީ މަރުކަޒާއި ކުޅިވަރު ފެސިލީޓީތަކަށް ޒުވާނުންގެ އުއްމީދު ބޮޑު


އަތޮޅުތަކުގައި ރަށްތަށުގައި އެންމެ ބޮޑަށް އަޅާނުލެވި ދޫކޮށްލެވޭ އެއް ދާއިރާއަކީ އިޖްތިމާއީ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ދާއިރާއެވެ. ވަޒީފާއާއި ދިރިއުޅުމުގެ ކަންކަން ކޮށްލުމަށްފަހު، ހިތްހަމަޖައްސާލާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހިންގޭނެ ހަރަކާތްތައް މަދެވެ.

ގިނަފަހަރަށް ރަށްރަށުގައި ކުރިއަށްދާ ހަމައެކަނި ކަމެއްގެ ގޮތުގައި އޮންނަނީ، ހަވީރު ރަށުގެ ފިރިހެން ޒުވާނުން ނުކުމެ ކުޅޭ ފުޓުބޯޅަ އެކަންޏެވެ. ރަށުގެ ކޮންމެވެސް ހިސާބަކުން ދަނޑެއް ކޮށާލައިގެން، އެތަންތަން ސާފުކޮށް، ކުޅެވޭނޭ ގޮތް ހަދަނީ އެރަށެއްގެ ޒުވާނުން އަމިއްލައަށެވެ. ގިނަފަހަރަށް މިފަދަ ފުރުޞަތެއް އަންހެންވެރިންނަށް ނުވެސް ލިބެއެވެ.

ނަމަވެސް މަޑުމަޑުން މި މަންޒަރު އަންނަނީ ބަދަލުވަމުންނެވެ. އަމިއްލަ ރަށުގައި ތިބެގެންވެސް ޒަމާނީ ވަސީލަތްތަކާއެކު ކުޅިވަރުކުޅެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

400 މީހުންގެ ކުޑަކުޑަ އާބާދިއެއް އޮންނަ އއ. އަތޮޅު މާޅޮހަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ފުޓުބޯޅާގައި ރާއްޖޭގައި ފާހަގަކޮށްލެބޭ ކުޅުންތެރި ތިބި ރަށެކެވެ. އަދި ރާއްޖޭގެ ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކުގައިވެސް ވާދަކުރެއެވެ. ނަމަވެސް މިހާތަނަށްވެސް އޮތް ޝަކުވާއަކީ، އަމިއްލަ ރަށުގައި ތިބެގެން މިފަދަ ކުޅިވަރުތައް ކުޅެވޭނެ ރަނގަޅު ދަނޑަކާއި، އެ ފުރުޞަތު ނެތުމެވެ.

އަމިއްލައަށް ވިނަ ހައްދާ ފުޓުބޯޅަ ދަނޑު ހަދައިގެން ކުޅެމުން އައި އެ ރަށުގެ ޒުވަނުންގެ އިންތިޒާރަކީ، އަމިއްލަ ރަށުގައި ޓަރފް އެޅި ދަނޑުގައި ކުޅެލުމުގެ އުއްމީދެވެ. އަދި މިނޫންވެސް ކުޅިވަރާ ގުޅުންހުރި އިޖްތިމާއީ ފުރުޞަތު އަމިއްލަ ރަށުން ފަހިވުމެވެ.

"ގައުމީ ބޮޑެތި މުބާރާތްތަކުގައިވެސް ރަށުގެ ކުޅުންތެރިން ކުޅޭ. ރަނގަޅު ދަނޑެއް ނެތީމަ ދަތިވޭ. ބޮޑު ދަނޑު ޓަރފް އަޅާ ރަނގަޅު ފެންވަރަކަށް ހެދިގެން އައުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއް." ރަށުގެ ޒުވާނަކު ފާހަގަކުރިއެވެ.

މާޅޮސް ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ، ރަށުގައި މީގެކުރިން ނުހިނގާހާ އިޖްތިމާޢީ ހަރަކާތްތަކާ ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ރަށުގެ ބޮޑު ދަނޑު ޓަރފް އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އަތޮޅުތަކުގައި މަދު ރަށެއްގައި ނޫނީ މިހާތަނަށް ނެތް، ޒަމާނީ އިޖްތިމާޢީ މަރުކަޒެއްގެ މަސައްކަތްވެސް މާޅޮހުގައި ދަނީ ކުރަމުންނެވެ. މީގެއިތުރުން ޓަރފް އަޅައިގެން ފުޓްސެލް ދަނޑު ތަރައްޤީކުރުމަށްވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

"ޔޫތް ސެންޓަރެއް ރަށަށް ލިބުން މިއީ ވަރަށް ބޮޑަށް އެދެމުން އައިކަމެއް. މިހާރު ކުރިއަށްދަނީ ސެންޓަރުގެ ފިނިޝިން މަސައްކަތްތައް. އެތަނަށް ބޭނުންވާ އިކުއިޕްމަންޓްތައް ބަހައްޓާ، ތަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއިން ކައުންސިލާ ހަވާލުކުރާނީ." މާޅޮހު ކައުންސިލ ރައީސް ވިދާޅުވިއެވެ.

އިޖްތިމާޢީ މަރުކަޒަކީ ރަށުގެ ކުދިބޮޑު އެންމެންނަށްވެސް ބޭނުންކުރެވޭނެ ފެސިލިޓީއާއެކު ތަރައްޤީކުރާ މަރުކަޒެކެވެ. އެގޮތުން އެތަނުގައި އިންޑޯ ޖިމެއްވެސް ހުންނާނެއެވެ. މި މަސައްކަތް ދެމަހެއްހާ ދުވަސްތެރޭ ނިމޭނެކަމަށް އުއްމީދުކުރާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިފަދަ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމުގައި މުނިފޫހިފިލުވުމުގެ އިތުރުން، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއެޅުންވެސް ހިމެނެއެވެ.

"އިޖްތިމާއީ މަރުކަޒާއި ބޮޑު ފުޓުބޯޅަ ދަނޑު ތަރައްގީވެގެން އައުމަކީ ވަރަށް ބޮޑު އުއްމީދެއް. އަދި މަރުކަޒުގައި އިންޑޯ ޖިމާއި، އެކިއެކި ކުޅިވަރުތައް ކުޅުމުގެ ފުރުޞަތަށް ރަށުގެ ރައްޔިތުން ބޮޑު އިންތިޒާރެއް ކުރޭ." ރަށުން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

ކައުންސިލުން އިސްނަގައިގެން ރަށުގައި އަންހެނުންނަށް ޚާއްސަކޮށް ހޭންޑްބޯލް ކޯޓަކާއި، ވޮލީ ކޯޓެއް އެޅުމަށްވެސް ދަނީ ޕްލޭންކުރަމުންނެވެ. މިއިން ކޮންމެ ކަމަކީ، ރަށުން އިތުރު ފުރުޞަތުތައް ފަހިވެ ރަށުގެ އިޖްތިމާއީ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމެކެވެ. އަދި ކުރިމަގުގައި ކުޅިވަރުގެ ދާއިރާއިން ހުނަރުވެރިން އުފެއްދުމަށްވެސް ލިބޭ ފުރުޞަތެކެވެ.