އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަވަން ޖެހޭގޮތަށް ގެނައި ބަދަލުގެ ސަބަބުން އިންތިޚާބުތައް ބޭއްވެވުމަށް މީގެ ކުރިން ދައުލަތުގެ ބަޖެޓުން ކުރެއްވި ހޭދަ ވަރަށް ބޮޑުތަން ލުއިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަވާ ގޮތަށް ޤާނޫނަށް ގެންނެވި އިޞްލާޙާއެކު މިއަހަރު ބާއްވަވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ކުރިޔަށް އެބަގެންދަވައެވެ.
ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރައްވަންޖެހިވަޑައިގަންނަވާ ކަމެކެވެ. ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވެދިޔަ 2 އަހަރު ތެރޭގައި ބޭއްވެވި އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ބައި އިލެކްޝަންތަކަށް ކުރައްވާ ހޭދަކުޑަ ކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަންސްގެ އިސް ނެންގެވުމުގެ މަތީން ޤާނޫނަށް ގެންނެވި އިޞްލާޙްތަކާއެކު ދައުލަތުގެ ބަޖެޓުން އިންތިޚާބުތައް ބޭއްވުމަށް ކުރައްވާ ހޭދައަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވީ މިބަދަލަކީ ދައުލަތަށްވެސް އަދި ޢާންމު ރައްޔިތުންނަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށެވެ.
މީގެ ކުރިން މަހަކު ދެ އިންތިޚާބު ތިން އިންތިޚާބު ބާއްވަމުން ގޮސްފައިވާއިރު އިލެކްޝަންސްގެ އޮފިޝަލުންނާއި، ރަށްރަށަށް ގެންދަންޖެހޭ ތަކެތި އުފުލުމަށް ވެސް ބޮޑު ހޭދައެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން ހޭދަކުރި މިންވަރުގެ މިބަދަލާއެކު ތިން ބައިކުޅަ އެއްބައި ޚަރަދު ކުޑަވެފައިވާ ކަމަށާއި، ކުރިން ހޭދަކުރެއްވި ފައިސާގެ ތެރެއިން މިގޮތަށް އިންތިޚާބު ބޭއްވުމުން މިލިޔަނެއްހާ ރުފިޔާ ބަޖެޓުން ސަލާމަތް ކުރެވޭކަމަށް ފުއާދު ވިދާޅުވިއެވެ.
"މިއީ ބަޖެޓަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް. މީގެ ކުރިން މަހަކު އެކެއް ނޫނީ ދެ އިންތިޚާބު ބާއްވާއިރު، އަޅުގަނޑުމެންގެ މުވައްޒިފުންގެ ދަތުރާއި، އެއްޗެއްސާއި، ސާމާނު ގެންދިއުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭ. ހަމަ މިއާއުއެކު އިންތިޚާބުގެ ދުވަހު ކެެއުމާއި އެނޫންކަންކަމަށްވެސް އެބަ ހޭދަވޭ. މިހެން އިންތިޚާބު ބޭއްވުމުން ވަރަށް ބޮޑު ޚަރަދެއް މި ކުޑަވަނީ." ފުއާދު ވިދާޅުވިއެވެ.
ޑަބްލިއުޑީސީގެ ބައި އިލެކްޝަންސްތައް އެއްފަހަރާ ބާއްވާވައިރު އިލެކްޝަނަށް ކުރިއަށް އޮތީ އެކޮމިޝަނާއި ކުރިމަތިވާ އެންމެ ބޮޑު އިންތިޚާބެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު ޤައުމުގެ ރައީސަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބަށް އެކޮމިޝަނުން ދަނީ ދުރާލާއި ތައްޔާރީތައް ކުރައްވަމުންނެވެ.
އިންތިޚާބުގެ ވޯޓަރސް ލިސްޓް ފައިނަލްކުރެއްވުމުގެ މަސައްކަތް ކުރަމުންދާއިރު، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، ވޯޓުފޮށިތައް ބަހައްޓާނެ ތަންތަނާއި އަދަދު ކަނޑައަޅައި އެ މަސައްކަތްތައް ފެށުމަށްވެސް އިލެކްޝަނުން ދަނީ ތައްޔާރުވަމުންނެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.