ޚަބަރު

ތިމާވެށި ޚިމާޔަތްކުރުމަކީ ޤައުމީ މަސައްކަތެއް، ބައިވެރިވުން އިތުރުކުރަންޖެހޭ: ނައިބު ރައީސް


ތިމާވެށި ޚިމާޔަތްކުރުމަކީ ޤައުމީ މަސައްކަތެއްކަމަށާއި، މިކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން އަދިވެސް އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ހަރަކާތުގެ ތެރެއިން، ޕްލާސްޓިކްގެ ސަބަބުން ވެއްޓަށްލިބޭ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަކޮށް ކަނޑާއި މޫދަށް އެޅޭ ޕްލާސްޓިކް މަދުކުރުމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ސޮއިކުރާ ޚާއްސަ "އޯޝަން ޕްލެޖް" އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު މި ޕްލެޖުގައި ސޮއިކުރައްވާފައިވަނީ މި ހަރަކާތާއި ގުޅޭގޮތުން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖަށް ޓެލެވިޜަން މޯލްޑިވްސްގެ ސްޓޫޑިއޯއަށް ވަޑައިގެންނެވެ.

"އޯޝަން ޕްލެޖް" ގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް މި އަންނަމުންދާ ބަދަލުތަކާއި ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ފަރާތްތަކަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތައްކަމަށެވެ. އަދި ތިމާވެއްޓަށް ހުރި ގޮންޖެހުންތަކާއި، އެކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ވިސްނުން އެންމެ ބޮޑަށް ނެރެންޖެހޭ ބަޔަކީވެސް ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމުތައް ކަމަށެވެ.

ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ނިޢުމަތްކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ، އަޅުގަނޑުމެންގެ ވެށި ޚިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކާ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވެފައެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކާ ބަލާއިރު މުޅި ކަނޑު ރާއްޖޭގައި ފެތުރިފައިމިއޮތީ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް. 99 އިންސައްތައަށްވުރެ ބޮޑީ އަޅުގަނޑުމެންގެ ކަނޑު. އެގޮތުންވެސް އަޅުގަނޑުމެން ޚާއްސަކޮށް އެބަޖެހޭ ކަނޑުތައް ޚިމާޔަތްކުރުމަށް މަސައްކަތްކުރަން. އަޅުގަނޑުމެންނަށް ލިބިފައިވާ ގުދުރަތީ ހަދިޔާއަކަށް މިވަނީ ދޮންވެލި ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތަކާއި ރީތި ކުދިކުދި ރަށްތަކެއް. މި ރަށްތައް ގޮނޑޮދޮށްތައް ޚިމާޔަތްކޮށް ރީތިކޮށް ފަރުތަކަށް ލިބޭ ގެއްލުމުން އެއްވެސް މީހެއްގެ ފުށުން ދިމާނުވާނެ ކޮންމެ ކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭކަމެއް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ދުނިޔެ ތަރައްޤީވަމުން މިދާ ސްޕީޑާއި ދިރިއުޅުމުގެ ކަންކަމަށް މި އަންނަ ބަދަލުތަކާއެކުވެސް ތިމާވެއްޓަށް ދެވޭ އަޙައްމިއްޔަތުކަމާއި އިސްކަމާއި ސަމާލުކަން އިތުރުކުރަންޖެހޭކަމަށެވެ. އަދި މިއީ މިހާރަށްވުރެ ސީރިއަސްކޮށް ކޮންމެ ފަރުދަކުވެސް ވިސްނާ، ފަރުދީ ޒިންމާ މިކަމުގައި އަދާކުރަންޖެހޭ ޤައުމީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ކަންތައްތަކަކީ އަޅުގަނޑުމެން ސީރިއަސް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ ދާދިއަވަހަށް އަޅުގަނޑުމެންގެ އަތުން ބީވެގެންދާނެ އެއްޗެއް. ގެއްލިގެން ގޮސްފި އެއްޗެއް އަނބުރާ ހޯދުމަކީ އެއީ ނުވާނެކަމެއް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ތިމާވެށި ޚިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަންތައްތަކެއްކަން ފާހަގަކުރައްވާ، މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅުއްވާ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޕްލާސްޓިކް މަދުކުރުމަށް މުހިއްމު ސިޔާސަތުތަކެއް އެކަށައަޅާ ތަންފީޒުކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް އަދާކުރައްވާ މުހިއްމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ސީދާގޮތުންނާއި ނުސީދާގޮތުންވެސް އިންސާނުންގެ ޢަމަލުތަކުގެ މައްޗަށް ބިނާވާކަންކަންކަމަށާއި، މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެއްޓާއި އެންމެންގެ ދިރިހުރުމާއިވެސް ގުޅިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން މިގޮތަށް ހިންގޭ ހަރަކާތްތަކަކީ ހަޤީޤަތުގައިވެސް ސީރިއަސްކަމެއްގެގޮތުގައި ބަލާ، އެންމެން އެއްރޫޙެއްގައި މިކަމުގައި ތެދުވެ މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.