ޚަބަރު

ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް


ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީގެ އަމާޒަކީ އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭން ފެށުންކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

ދެ ބްލޮކަކަށް ޢިމާރާތްކުރާ، ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކުގެ ޢަމަލީ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން ސްކޫލްގެ ކޮންސްޓަރަކްޝަން މަސައްކަތާއި އިލެކްޓްރިކަލް ވަޔަރިންގ މިހާރުވަނީ ނިމިފައެވެ. ފިނިޝނިންގގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، A ބްލޮކްގެ ލިފްޓްގެ އިލެކްޓްރިކަލް ހުރިހާ މަސައްކަތަކާއި ކުލަލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

"ބްލޮކް B" ގެ އެލްމިނިއަމް ޕާޓިޝަންޖެހުމާއި ރެއިލިންގެ މަސައްކަތް ނިމިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ސްކޫލްގެ އެތެރެއާއި ބޭރުގެ ކުލަލުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، ގްރައުންޑް ފްލޯރގެ ޕުޓީއާއި ކުލަ ލުމުގެ 80 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ.

ދަރުމަވަންތަ ސްކޫލްގައި ޤާއިމުކުރާ ފަޔަރ ފައިޓިންގ ސިސްޓަމްގެ މަސައްކަތުގެ 95 އިންސައްތަ މިހާރުވަނީ ނިމިފައެވެ. އަދި ސްކޫލްގެ 2 ބްލޮކް ގުޅުވާލުމަށް ޤާއިމުކުރާ ވޯކްވޭ ބްރިޖްގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ، ވިލާ ކޮލެޖު ކުރިމަތީގައި އޮތް ބިމުގައެވެ. ދަރުމަވަންތަ ސްކޫލްގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޙަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. މި މަޝްރޫޢަށް 74.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އައު ސްކޫލްގައި ކިޔަވައިދޭއިރު، ކޮންމެ ކުލާހެއްގައިވެސް 25 ކުދިންނަށް ކިޔެވޭނެހެން 41 ކްލާސްރޫމް ހުންނާނެއެވެ. މިސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑަރީއަށް ޚާއްސަ 2 ފަންގިފިލާގެ ލައިބްރަރީއަކާއި އެނޫންވެސް ޒަމާނީ ގިނަ ވަޞީލަތްތައްކެއް ހުންނާނެކަމަށް، އެޑިޔުކޭޝަނުން ހާމަކުރައްވައެވެ. އެއް ދަންފަޅިއަށް ހިންގުމަށް މިނިސްޓްރީއިން ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ ޢަމަލީ މަސައްކަތް ނިމި އެތަނުގައި ކިޔަވައިދޭން ފަށާނީ، އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމްތަކަކާއެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.