ޚަބަރު

ޤަވާއިދާ ޚިލާފަށް ކުނި ޖަމާކުރި މައްސަލައިގައި މާލޭ ސިޓީ ކައުންސިލު 45500 ރުފިޔާއިން ޖޫރިމަނާކޮށްފި


ޤަވާއިދާ ޚިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން މާލޭ ސިޓީ ކައުންސިލް 45500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީ.ޕީ.އޭއިން މާލޭ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި މިވަނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ ޢަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން އެ މައްސަލަ ބެއްލެވުމަށްފަހުއެވެ.

މިކަމާގުޅިގެން އީ.ޕީ.އޭއިން ނެރުނު ނޫސްބަޔާނުގައި އެ އެޖެންސީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން، މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި މައްސަލައަކީ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޝަކުވާ ހުށަހަޅާފައިވާ މައްސަލައެއްކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. އަދި މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި އީ.ޕީ.އޭގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކުރެވިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

މި މައްސަލައިގައި އީ.ޕީ.އޭއިން މާލޭ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށްފައެވެ. މި ގަވާއިދުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖުމްލަ 45,500.00 ރުފިޔާ އިން މިމަހުގެ 8 ވަނަ ދުވަހު ޖޫރިމަނާކޮށް، މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް އީ.ޕީ.އޭއިން ވަނީ އަންގާފައެވެ.

ހަމައެހެންމެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލާ، މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްވެސް އީ.ޕީ.އޭއިން ކައުންސިލަށް ވަނީ އަންގަވާފައެވެ.