ވިޔަފާރި

ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ދަތުރު ގދ. އަތޮޅަށް


ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދަވާ "ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ގދ. އަތޮޅުގެ ބައެއް ރަށްތަކަށް އެ މިނިސްޓްރީން ޒިޔާރަތްކުރަން ފައްޓަވައިފިއެވެ.

މި ޕްރޮގްރާމަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ޕްރޮގްރާމެކެވެ.

ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރަށްފުށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ އެގޮތުން އެންމެ ފުރަތަމަ ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި، ރަށު ކައުންސިލްގެ ރައީސުންނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ބައްދަލުކުރައްވާފައެވެ އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިންވެސް ގެންދަވަނީ މަޝަވަރާކުރައްވަމުންނެވެ.

މި ބައްދަލުވުންތަކަށްފަހު މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ އަތޮޅުތަކަށް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަތުރުތައް ފަށްޓަވާފައެވެ. މި ދަތުރުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މިހާރު ދަތުރުކުރަމުންދަނީ ގދ. އަތޮޅުގެ ބައެއް ރަށްރަށަށެވެ. އެގޮތުން މިހާރު ތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ގައްދޫ އަދި ވާދޫއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި ދަތުރުގައި ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާއަށްވެސް ޒިޔާރަތްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދަތުރުގެ ތެރެއިން އެ ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެ ގޮތްތައް ބަލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކުރައްވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރައްވަމުންގެންދަވަނީ ކޮންމެ ރަށެއްގައި ހުރި ތަފާތު ކަންކަން ދެނެގަނެ އެކަންކަން މެދުވެރިކޮށް ކޮންމެ ރަށެއްގައިވެސް ރަށު ފަތުރުވެރިކަން ތަރައްޤީކޮށް، އެއިން ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށެވެ.