ޒާމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ތާރުއެޅުމަށް ބަންދުކޮށްފައިވާ ސަރަހައްދެއް ޢާއްމުނަށް ހުޅުވާލައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ބުނީ ތާރު އެޅުމަށްފަހު އާއްމުންނަށް ހުޅުވާލާފައިވަނީ އަމީނީ މަގުގެ ސްޓެލްކޯއާއި ސިނާމާލެ ފްލެޓާއި ދެމެދު އޮތް ސަރަހައްދުކަމަށެވެ. މީގެކުރިން އާރުޑީސީން ވަނީ ސްޓެލްކޯއިން ފެށިގެން ހެންވޭރު ކޮޅާއި ހަމައަށް އޮތް ސަރަހައްދުގައި ތާރު އެޅުމަށްފަހު ހުޅުވާލާފައެވެ.
އަމީނީ މަގުގެ މަސައްކަތް ކުރަމުންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓުގެ މަސައްކަތް ނިމި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. 4، 5، 6 އަދި 7 ވަނަ ސެގްމަންޓްގައި ތާރު އަޅާ ނިންމުމަށްފަހު މިހާރު ކުރިއަށްދަނީ މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި މި 4 ސެގްމަންޓުގެ ތެރެއިން މިހާރު ނުހުޅުވާ އޮތް، ސިނަމާލޭ ފްލެޓާއި ހިސާބުން ފެށިގެން އޮޑިގައްލާ ކެފޭއާއި ހަމައަށް ހިމެނޭ ސަރަހައްދު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އާރުޑީސީން ބުނެއެވެ.
#ZamaaneeAmeenee#TeamRDC pic.twitter.com/fmhF64rV6q
— Road Development Corporation Ltd (@rdcmaldives) June 6, 2023
އަމީނީ މަގުގެ 13 ސެގްމަންޓްގެ ތެރެއިން ބާކީ އޮތް 6 ސެގްމަންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އޮޑިގައްލާއިން ފެށިގެން އަމީނީ މަގުގެ ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ބްލޮކާއި ހަމައަށް އޮތް ސަރަޙައްދުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި މާފަންނު ސްޓޭޑިއަމާއި ހަމައަށް މަސައްކަތް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އަދި ދެވަނަ ސެގްމަންޓުގައި ޕްލޭނިންގ މިނިސްޓްރީއާއި ހަމައަށް އަދި ތިންވަނަ ސެގްމަންޓުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ހަމައަށް މަސައްކަތް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އަމީނީ މަގުގެ މަސައްކަތުގެ ތެރެއިން މަގު ފެހިކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް އާރްޑީސީއިން ބުނެއެވެ. މިގޮތުން އެކިބާވަތުގެ ބޮޑެތި ގަސްތައް މިހާރު އިންދަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
އަމީނީ މަގަކީ މާލޭގެ ހުރިހާ އަވަށެއް ގުޅުވާލަދޭ މައި އެއް މަގެވެ. މަގުގެ މަސައްކަތުގެ ބާކީ އޮތީ 3 ސްކޫލާއި ސަރުކާރުގެ ގިނަ މުވައްސަސާތަކެއް ހިމެނޭ ސަރަޙައްދެއްކަމުން މިސަރަޙައްދުގެ މަސައްކަތް އަވަހަށް ނިންމުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް، މަސައްކަތް އަވަހަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ޚިދުމަތްދޭ މައި ނެޓްވޯކް އަޅާފައިވާ އަމީނީ މަގުގެ މަސައްކަތް ލަސްވެގެން ދިޔަ މައިގަނޑު ސަބަބަކީ، އަމީނީ މަގުގައި އެކި ދުވަސްވަރު އަޅާފައިހުރި އެކި ޔޫޓިލިޓީ ވެޓްވޯކް ކޭބަލްތައް ރަނގަޅުކޮށްގެން މަސައްކަތްކުރަންޖެހުންކަމަށް އާރްޑީސީން ބުނެއެވެ.