ޚަބަރު

ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު 22 ރަށަކަށް ފޯރުކޮށްދޭން ސްރީލަންކާގެ ކުންފުންޏަކަށް


5 އަތޮޅެއްގެ 22 ރަށަކަށް ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް"އާއި ޙަވާލުކުރައްވަައިފިއެވެ.

އެކަމަށްޓަކާ އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އާމިނަތު ޝަޢުނާއެވެ. އަދި ސޯ އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނައެވެ.

މި މަސައްކަތަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއައް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށާއި، މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއްކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖް ކުރުމަށް ބޭނުންވާ ވަސީލައްތައް ޤާއިމް ކުރުމަށާއ، ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމާއި އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ރަށުގެ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެމުންދާކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ލިބި އަދި ރަށްރަށުގައި ދިމާވެފައި އޮތް ކުނީގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ އެހީތެރިކަމެއް ލިބިގެން ދާނެކަމަށް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސޯ އިންޖިނިއަރިންގއާއި ޙަވާލުކުރި ރަށްތަކުގެ ތެރޭގައި މ. އަތޮޅުގެ 4 ރަށަކާއި، ފ. އަތޮޅުގެ 3 ރަށަކާއި، ދ. އަތޮޅުގެ 3 ރަށަކާއި، ތ. އަތޮޅުގެ 8 ރަށެއްގެ އިތުރުން ލ. އަތޮޅުގެ 4 ރަށެއް ހިމެނެއެވެ.

ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދާ ރަށްތަކުގެ ތެރޭގައި:

• މ. އަތޮޅު: މ. މުލަށް ، މ. މުލި، މ. ކޮޅުފުށި، މ. ދިއްގަރު
• ފ. އަތޮޅު: ފ. މަގޫދޫ، ފ. ނިލަންދޫ، ފ. ފީއަލި
• ދ. އަތޮޅު: ދ. ރިނބުދޫ، ދ. މާއެނބޫދޫ، ދ. ކުޑަހުވަދޫ
• ތ. އަތޮޅު: ތ. ބުރުނި، ތ. މަޑިފުށި، ތ. ގުރައިދޫ، ތ. ވަންދޫ، ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ހިރިލަންދޫ
• ލ. ދަނބިދޫ، ލ. ގަން، ލ. ފޮނަދޫ، ލ. މާމެންދޫ

މި ރަށްތަކަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ. އަދި މިއީ 4 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި ސާމާނުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރަމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުޙަލާގައިވާ ރަށްތަކެއްކަމަށެވެ.

މި ސޮއިކުރެވުނު މަޝްރޫޢުގެ ސަބަބުން ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ ޢަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެހެންމެ ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރާ އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވެގެންދާނެކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތާ ދިމާލަށް މި ސަރުކާރުން މިސްރާބު ޖަހާފައިވާ ދުރު މަންޒިލަށް ވާޞިލުވުމަށް ލިބިދޭ ނުހަނު ބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި އާލާތްތައް ހިންގާ ބެލެހެއްޓުމާއި އަދި ރަނގަޅަށް މެއިންޓެއިން ކުރުމަކީ ރަށްރަށު ކައުންސިލްތަކުގެ ޒިންމާއެއްކަމަށާއި، މިކަން ކުރުމަށްޓަކައި ރަށު ކައުންސިލްތަކަށް ގްރީން ފަންޑް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.