ތަރައްްޤީ

އައްޑޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާދެއްވީ 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. މި މަޝްރޫޢުގައިި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 207 ކިލޯޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކާއި ޙަވާލުކޮށްގެންނެވެ. ނަމަވެސް މަޝްރޫޢުގެ ބައެއް ކަންކަމާއި އައްޑޫ ސިޓީ ކައުންސިލާއި ޢާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަގުތަކުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށްދާގޮތާއި، މަގުތަކުގެ ޑިޒައިންގައި، ދުއްވަން ހިމަނާފައިވާ ސަރަޙައްދު ހަނިވުމާއި، ޕްރޮޖެކްޓްގެ ފެންވަރާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެެހެންނަމަވެސް މިހާރު ވަނީ އައްޑޫގެ ހުރިހާ މަގެއްވެސް ރައްޔިތުން އެދޭ ގޮތަށް ކުރިއަށްގެންދަން ނިންމާ މަސައްކަތުގެ ސްޕީޑް އަވަސްކޮށްފައެވެ.

އައްޑޫސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެސަރަޙަށްދަށް ރައީސް ކުރެއްވި ޒިޔާރަތުގައި ވަނީ އެ މަސައްކަތް ކުރިއަށްގެންދާ އެފްކޮންސްގެެ މުވައްޒަފުންނާ ބައްދަލުކޮށް މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުން ފިލުވާފައެވެ.

އެއަށްފަހު ރައީސް ވަނީ ކައިރި ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރުއުޅޭ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ތަނަށް އެމަނިކުފާނު ވަޑައިގަތުމުން އެ ސަރަޙައްދުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 105 ކިލޯމީޓަރެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 41.023 ކިލޯމީޓަރުގެ މަގުގައި ތާރު އަދި ގައު ހިމެނޭހެން ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގ މަސައްކަތް ކުރުމަށްވެސް މި މަޝްރޫޢުގެ ތެރޭގައި ވަނީ ހިމަނާފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށެވެ.

މީގެ އިތުރުން މަގު ހެދުމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ޑީޓުއަރ 4 ލޭން ލިންކް ރޯޑް ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލޭންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.