ތަރައްްޤީ

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢުއެއް


އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރައްވައިފިއެވެ.

މި މަޝްރޫޢުތަކަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ. މި 10 މަޝްރޫޢާއި ގުޅޭ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރައްވާފައިވަނީ އެކަމަށްޓަކާ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއިން އަބަދުވެސް ހިއްސާކުރަނީ ވަރަށް ތާރީޚީ ޚާއްސަ ގާތްގުޅުމެއް ކަމަށާއި، މި ސަރުކާރު އައިފަހުން މި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދު މިހާތަނަށް ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުންވެސް މިކަމަށް ހެކިދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ މިނިސްޓަރގެ ވާހަކަފުޅުގައި ކޯވިޑް-19ގެ އާލަމީ ވަބާއިން ރާއްޖެ ސަލާމަތްވެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް ވެކްސިނާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އަވަސް ދީލަތި އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހީންނަށް އިންޑިއާއަށް ބަރޯސާވެވިދާނެކަން އަބަދުވެސް އެ ޤައުމުން ސާބިތުކޮށްދެމުންދާކަމަށެވެ. އަދި މިއަދު އަލަށް މި ސޮއިކުރެވުނު މަޝްރޫޢުތަކާއެކު އަތޮޅުތަކުގެ އިޖްތިމާޢީ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރަކަށްވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަން ވިދާޅުވީ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި މުހިއްމު ބައިވެރިއަކަށްވެވޭކަމީ އިންޑިއާއިން ފަޚުރުވެރިކަމާއެކު އަބަދުވެސް ފާހަގަކުރާކަމެއްކަމަށެވެ. އަދި އިންޑިއާއިން ފޯރުކޮށްދޭ ލޯނާއި ހިލޭ އެހީއާއި ބަޖެޓްރީ ސަޕޯޓުގެ ތެރެއިން ހިންގާ ތަފާތު މަޝްރޫޢުތަކުގައި ޢަމަލީ ސިފަޖެހި، އެކަންކަމުގެ މަންފާ މުޖުތަމަޢުއަށް ލިބިގެންދާތީ އުފާކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އައު އިދާރީ އޮފީސް ތަރައްޤީކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ. އަދި ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ 4 ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުން ހިމެނެއެވެ.

ހަމައެހެންމެ އައްޑޫ ސިޓީ ހިތަދޫ 2 ސަރަޙައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ޤާއިމުކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން އިންޑިއާ ސަރުކާރުން އިތުރުކޮށްދެއްވި 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މި ރަސްމިއްޔާތުގައި މި 10 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް ވަނީ ހަދިޔާކުރައްވާފައެވެ.