ސިޔާސީ

2028 ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ދެގުނަ ބޮޑުކުރެވޭނެ: ރައީސް


މި 5 އަހަރު ތެރޭގައި ކުރެވުނު މަސައްކަތާއެކު 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ދެގުނަ ބޮޑުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ސަރުކާރުގެ މި ފަސް އަހަރުތެރޭ ކުރެވުނު މަސައްކަތާއި، ކުރަން ހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބައޮތްކަމަށާއި، އެއީ ރާއްޖޭގެ ޙާލަތު ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެކަމުގެ އުއްމީދު ބޮޑުކަންކަމަށެވެ. އަދި 2028 ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާ ދިއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މީގެ 5 އަހަރުކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ 5 އަހަރުފަހުން ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ވެގެންދާނެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މިވިއްދަނީ މުޅިރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަންކުރުންކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ މިސާލެއްގެ ގޮތުގައި އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން އެކަށައެޅީ ޖުމްލަ 119 ކިލޯ މީޓަރުގެ މަގު އައްޑޫގައި ޒަމާނީ ފެންވަރަށް ހެދުމަށް. ކުރިން ސިމެންތި އަޅަން ހަމަޖެޖެހިފައިވާ 67 ކިލޯމީޓަރުގެ މަގަށް ރައްޔިތުން އެދުނުގޮތަށް މިހާރު އެވަނީ ތާރު އަޅަން ނިންމާފައި" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހޯދޭނެކަމަށާއި، ހަމަހަމަ އުފާވެރި ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ ކުރިއެރުމާ ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ އައްޑޫ ސިޓީކަމާށާއި، ހަމަ އެގޮތަށް ރާއްޖޭގެ އުތުރަށް ބޭނުންވާ ހުރިހާ އިންތިޒާމެއްވެސް މި އަމާޒުގައި ސަރުކާރުން ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިއީ 5 އަހަރެއްގެ ފެށުމާއި، އަނެއް 5 އަހަރެއްގެ ނިންމުމަށް ހިންގޭ ، 10 އަހަރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަކުރެވޭ އިޤްތިޞާދީ ބޮޑު ބަދަލުގެ 10 އަހަރުކަމަށެވެ.