އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަޙްރޫމްނުކޮށް އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެއް ނެތި ހަމަހަމަ ސިޔާސަތެއް ޤާއިމްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ދަރަވަންދޫގައި މިސަރުކާރުން ޤާއިމްކުރައްވާ ރައްކާތެރި ނަރުދަމާ ނިޒާމްގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޑަބްލި.އެސް.ސީން ހާމަކޮށްފިއެވެ.
ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މުޅި މަސައްކަތުގެ 65 އިންސައްތަ ވަނީ ނިންމައިފައެވެ. މި މަސައްކަތުގެ ދަށުން އެރަށުގައި މިހާރު ކުރަމުންދަނީ މަގުތަކުގައި ވަޅުލާ މައި ނެޓްވޜކް އެޅުމުގެ މަސައްކަތެވެ. 9.53 ކިލޯ މީޓަރުގެ ނަރުދަމާ ނެޓްވޯކެއް އަޅާއިރު މި މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ.
މައި ނެޓްވާރކްގެ މަސައްކަތް ނިމުމުން ކަނެކްޝަންތައް ގުޅަން ފަށާނެއެވެ. އެރަށުގެ ގޭބިސީއާއި ސަރުކާރު މުއައްސަސާތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން މި މަޝްރޫއުގެ ދަށުން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިނަރީސް ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއެވެ.
ޝާހް ވިދާޅުވީ މިއަހަރުގެ ޖުލައި މަހަށް މަސައްކަތް ނިންމާލުމަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަމަށެވެ. މި މަސައްކަތް ލަސްވާން ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.ޑަބްލި.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހް ވިދާޅުވީ، މަސައްކަތް ލަސްވާން ދިމާވި ސަބަބުތައް ދެނެގަނެ އެކަންކަމަށް މިހާރު ޙައްލު ހޯދިފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް އެންމެ ބޮޑަށް ލަސްވާން ދިމާވާ ސަބަބަކީ ރަށުގެ ތިން ސަރަޙައްދުގައި ބަހައްޓާ ޕަންޕް ސްޓޭޝަންގެ މަސައްކަތާއި އެސްޓީޕީގެ މަސައްކަތް ކުރުމަށް ޙަވާލުކުރި ކުންފުނިތަކުން މަސައްކަތް ނުކޮށްދޫކޮލުމުގެ އިތުރުން އެކަށީގެންވާ ހަލުވިމިނެއްގައި މަސައްކަތް ނުކުރުމެވެ. އަދި މަސައްކަތް ނުކޮށް ލަސްވެގެން ދިއުމުން މަސައްކަތަށް ރާއްޖެއިން ބޭރުން ގެންނަ ސާމާނުތައް ހަލާކުވުން ވެސް އެއީ މަސައްކަތް ލަސްވާން ދިމާވި ސަބަބެއް ކަމަށް ޝާހް ވިދާޅުވިއެވެ.
ދަރަވަންދޫ ނަރުދަމާގެ މަސައްކަތް އަވަސްކުރުމަށް އެކުންފުންޏަށް އިތުބާރު ހިފޭ އެއް ކުންފުންޏަކާ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި، އުންމީދަކީ މަސަކަތް ޖުލައިމަހަށް ނިންމާލުން ކަމަށް ޝާޙް ވިދާޅުވިއެވެ.
"ވަރަށް ގިނަ ކުންފުނިތަކާ މަސައްކަތް ހަވާލު ކުރެވިއްޖެ މަސައްކަތް ޓާމިނޭޓް ކުރަނީ އެއީ ލަސްވާން ދިމާވާ މައިގަނޑު އެއްސަބަބު، އަދި މިރަށުގައި ޕަންޕް ސްޓޭޝަންތަކާ އެސްޓީޕީ ހެދުމަށް ބޭނުން ކުރަނީ ސަލްފަރ ރެސިސްޓެންޓް (އެސް.އާރު.ސީ)ސިމެންތި، މަސައްކަތް ނުކުރުމުން މި ސިމެންތިތައް ގަނޑުވެ ބޭނުން ނުކުރެވޭ ހާލަތަށްދޭ، އެކަމު މިހާރު އެންމެ އިތުބާރު ހިފޭ ކުންފުންޏާ މިވަނީ މަސައްކަތް ހަވާލުކޮށްފައި. އުންމީދަކީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލުން" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ.
ބ.އަތޮޅުގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ދަރަވަންދޫގައި ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމަކީ އެވިޔަފާރި ކުރާ ފަރާތްތަކާއި، ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.
މިމަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ ސަމީޙް ވިދާޅުވީ، ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުން ރަށުގެ އިޤްތިސާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.
"މި ރަށަކީ ފުޅާކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާރަށެއް، އަދި އެއަރޕޯޓެއް އޮވެ އެފަދަ އަސާސީ ޚިދުމަތް ނެތުކަމީ ކަންބޮޑުވުމެއް. ވީހާވެސް ރަނގަޅަށް މަސައްކަތް ނިންމާ ޚިދުމަތް ލިބެން ފެށުމަކީ މިރަށު މީހުން ކުރާ އެންމެ ބޮޑު އުންމީދު. މަސައްކަތް ލަސްވަމުންދާތީ އެކަންބޮޑުވުން ނާއިބު ރައީސް ފައިސަލް ނަސީމް އާ ވެސް މިވަނީ ހިއްސާ ކުރެވިފައި. އަދި އެމްޑަބްލިއުއެސްސީގެ އެމްޑީއާވެސް މިކަން ވަނީ ހިއްސާކުރެވިފައި" ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީޙް ވިދާޅުވިއެވެ.
ދަރަވަންދޫގައި ކުރިއަށްގެންދިޔަ ބެޓަރ އިން ބާ ފުޓްސެލް ފިއެސްޓަރގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ކުރިއަށްގެންދާ ނަރުދަމާގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެމަސައްކަތް އަވަސްކުރުމަށް ބާރު އަޅުއްވާނެކަމުގެ ޔަގީންކަން ކައުންސިލަށް ދެއްވާފައި ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ބ.އަތޮޅުގެ މައި ދޮރާށީގެ ގޮތުގައި ދެކޭ ދަރަވަންދޫގައި އެއަރޕޯޓެއްގެ ޚިދުމަތް ދޭން ފެށިތާ 12 އަހަރު ވެގެން ދިޔައިރު އެރަށުގައި ރައްކާތެރި އަދި ދެމެހެއްޓެނިވި ނަރުދަމާ ނިޒާމެއް ނެތުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ދެކެއެވެ. ސަރުކާރުން ދަރަވަންދޫގައި ރައްކާތެރި ފެނުގެ ނިޒާމް ޤާއިމްކޮށް އެޚިދުމަތް ދޭން ފަށާފައިވާއިރު ފަތުރުވެރިކަމަށް ދޫކޮށްފައި އޮންނަ ސަރަހައްދު ގިރާތީ އެ ސަރަހައްދުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.