ޚަބަރު

މިހާތަނަށް 1716 ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދޭ: މިނިސްޓަރ


މި ސަރުކާރުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ފ. ބިލެތްދޫ ސްކޫލުގައި ސަރުކާރުން ތަރައްޤީކުރެއްވި މަލްޓިޕަރޕަސް ހޯލް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފ. ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ސްކޫލްގެ މަލްޓިޕާރޕަސް ހޯލް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކޮންމެ ކުއްޖަކީ އެ ރަށަށް ބޭނުންތެރި ކުއްޖަކަށް ހެދުމަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އިސްކަންދޭކަމަށެވެ.

އެގޮތުން އެއްދަންފަޅިއަށް ބަދަލުކުރައްވައިގެން ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ތަޢުލީމުގެ ރަސްމީ މުޤައްރިރުގައިވާ ބައިތައް ކިޔަވައިދެއްވުމަށްފަހު، ދަރިވަރުންގެ އަޚްލާޤީ މަސައްކަތްތައް އެކުދިންގެ ކިބާގައި އަށަގެންނެވުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

އެގޮތުން އެކަމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީތައް ގެންނަވައި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެއްވުމަށް ދިރާސާތަކެއް ހެއްދެވިކަމަށާއި، އެ ދިރާސާއިން ފާހަގަކުރެއްވުނު ކަންކަން ތަންފީޒްކުރެއްވުމަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކުރައްވައި ޢިމާރާތްތައް އެޅުއްވުމުގެ މަސައްކަތް ފެށްޓެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން އެތައް ޢިމާރާތްތަކެއް ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާތަނަށް އާއިރު ތައުލީމީ ދާއިރާއަށް މަދަރުސާތަކަށް ޢުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއަކު 247 މަޝްރޫޢުއެބަ ހިންގަން. އޭގެތެރޭގައި ޖުމްލަ 1716 ކްލާސްރޫމާ، 92 މަލްޓިޕާޕޮސް ހޯލާ، 563 އެހެނިހެން ޢިމާރާތްތަކުގެ މަސައްކަތްތައް އެބަކުރިއަށްދޭ. އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ލެބޯޓްރީއާއި، ލައިބްރަރީތަކާއި، ސްޓާފްރޫމްތަކާއި، އޮފީސް ޢިމާރާތްފަދަ ޢިމާރާތްތައް ހިމެނޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުން ވަނީ 15 މަލްޓިޕަރޕަސް ހޯލް އަޅުއްވައި ނިންމަވައި ބޭނުންކުރައްވަން ފަށްޓަވައިފައެވެ. ބިލެތްދޫގައި އެޅުއްވި މަލްޓިޕަރޕަސް ހޯލްގެ ސަބަބުން ސްކޫލާ މުޖުތަމަޢުގެ ގުޅުން ބަދަހިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅޭނެ މާޙާއުލެއް ލިބުމާއި، ރަށުގެ އެކި ހަރަކަތްތައް ބާއްވައި އެކި ޤައުމީ ފެންވަރުގެ ޖަލްސާތައް ބޭއްވުމަށް މަގުފަހިވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބިލެތްދޫގައިި ސަރުކާރުން ތަރައްޤީކުރެއްވި މަލްޓިޕަރޕަސް ހޯލަކީ ދައުލަތުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރެއްވި 500 ކުދިންގެ ޖާގައިގެ ހޯލެކެވެ.

ބިލެތްދޫ ސްކޫލްގައި މިވަގުތު 14 ކްލާސްރޫމް ހުރެއެވެ. އަދި 281 ކުދިން އަންނަނީ ތަޢުލީމް ޙާޞިލްކުރަމުންނެވެ. އަދި 24 މުދައްރިސުން މަސައްކަތްކުރައްވައެވެ. ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ބިލެތްދޫ ސްކޫލްގައި ސަރުކާރުން މިހާރު ގެންދަވަނީ ސައިންސް ލެބޯޓްރީއެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.