ޚަބަރު

މި ސަރުކާރު ނޫނީ ސިޔާސީ ގޮތުންވީ ވަޢުދު ފުއްދި ސަރުކާރެއްނެތް: އަސްލަމް


މި ސަރުކާރު ނޫނީ ވަޢުދުވެފައި، ވަޢުދު ފުއްދާ ސަރުކާރެއް އަދި ނާންނަކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފުއްދަވާދެއްވި އެންމެ ބޮޑު ވަޢުދަކީ ސިޔާސީގޮތުން ސިޔާސީ ކޯލިޝަން ދެމެހެއްޓުމަށް ވެވަޑައިގެންނެވި ވަޢުދުކަމަށެވެ.

ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގެ މި ދައުރުގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އެގޮތުން ތަރައްޤީގެ ގިނަ ކަންތައްތަކެއް ކުރިއަށްދިޔަ ދައުރެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވަނީ އެއަށްވުރެ ބޮޑު ވަޢުދެއް ރައީސުލްޖުމްހޫރިއްޔާ ފުއްދަވާދެއްވާފައިވާކަމަށެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނޫނީ ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދެމެހެއްޓުނު ދައުރެއް ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނު ފަހުންވެސް ނާންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރު އޭރު އެމްޑީޕީއިން ވެރިކަމަށް އައި އިރު އޮތް ކޯލިޝަނާއި، 2013 ވަނަ އަހަރު ޕީޕީއެމްއިން ވެރިކަމަށް އައި ކޯލިޝަންވެސް އަހަރެއްގެ ތެރޭގައި ރޫޅިގެންދިޔަކަން މިނިސްޓަރ ފަހަގަކުރައްވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ނޫނީ ނެތް، ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް. ސިޔާސީގޮތުން ވެވަޑައިގެންނެވި ވަޢުދު ރަނގަޅަށް ދާނަމަ ދެން ހުރިކަންކަން އަމާންކަމާއެކު ކުރިއަށްދާނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިހާތަނަށް ސަރުކާރުން، ޢުމްރާނީ ތަރައްޤީގެ 561 މަޝްރޫޢު ކުރިއަށްގެންދަވާ، އޭގެތެރެއިން ބައެއް މަޝްރޫޢުތައް ނިމިފައިވާކަން ފަހަގަކުރައްވާފައެވެ.

ފ. ދަރަނބޫދޫގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ދަރަނބޫދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް 2008 ވަނަ އަހަރު ތަރައްޤީކުރި ބަނދަރާއެކުވެސް އެ މައްސަލައަށް ޙައްލެއް ނާދެއެވެ. މިކަން ޙައްލުކުރުމަށް އޭގެފަހުން އެރަށު ރައްޔިތުން އެދެމުންދިޔުމާއެކު، ޖާގަތަނަވަސް ހިތްގައިމު ބަނދަރެއް ސަރުކާރުން ވަނީ ތަރައްޤީކޮށްދެއްވާފައެވެ. މި މަސައްކަތް ސަރުކާރުން ކުރެއްވީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން، އެރަށުގެ ބަނދަރަށް 300 ފޫޓު ދިގު، 300 ފޫޓު ފުޅާ ބަނދަރެއް ވަނީ އިތުރުކޮށްފައެވެ. އަދި ބަނދަރަށް އިތުރުކުރެވުނު ޖާގައާއެކު މިހާރު އެ ރަށުގެ ބަނދަރުގެ ސައިޒު ބޮޑުމިނަކީ 740 ފޫޓެވެ. މި މަޝްރޫޢުގެ ދަރަނބޫދޫގައި ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހަދާ، 196 މީޓަރ އެއްގަމު ތޮށި ހަދާފައެވެ. ހަމައެއާއެކު 2500 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 42600 އަކަ މީޓަރުގެ ބަނދަރު ފުންކުރުމާއި، 4000 އަކަ މީޓަރުގެ ނެރު ފުންކޮށް އަދި 60 މީޓަރުގެ ރިވެޓްމަންޓެއްވެސް ވަނީ ޖަހާފައެވެ. މި މަޝްރޫޢަށް ސަރުކާރުން 38.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.