ޚަބަރު

ރައީސްގެ ދެކަނބަލުންނަށް ނިލަންދޫން ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެރިކަންކުރާ ރަށް ނިލަންދުއަށް ވަޑައިގަތްފިއެވެ.

މިއަދު ހެނދުނު ރައީސްގެ ދެކަނބަލުން ނިލަންދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަޤާފީ ޙަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރޙަބާ ދަންނަވަން ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ނިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނިލަންދޫ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ނިލަންދޫގައި ހުރި ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ރައީސްގެ ދެކަނބަލުން ބައްލަވައިލައްވާނެއެވެ. އަދި އެރަށުގައި އަމިއްލަ ފަރާތަކުން ޤާއިމުކުރި "ތަދްރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކްލާސް ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވައި އެތަން ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފ. ދަރަނބޫދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު މަގޫދުއަށް ވަޑައިގަންނަވާނެއެވެ. އަދި މާދަމާ ބިލެތްދުއަށާއި ފީއައްޔަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ.