ޚަބަރު

އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމާނަން: ޝާހު


އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކޮށްގެން ހިންގާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ހުރިހާ މަޝްރޫޢެއް މި ދައުރުގެ ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ދެއްވައިފިއެވެ. ޝާހު ވިދާޅުވީ، އެކުންފުންޏާއި ޙަވާލުކޮށްގެން މި ދައުރުގެ ތެރޭގައި މިހާތަނަށް ނިންމުނު މަޝްރޫޢުތަކުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު، އެމަނިކުފާނުގެ މި ޒަޢާމަތުގައި އެކުންފުނިން ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާކަމަށެވެ.

ވަކިން ޚާއްސަކޮށް ދިގުދެމިގެން ދިޔަ ކޯވިޑު އާލަމީ ވަބާގެ ސަބަބުން ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކާއެކުވެސް ތާރީޚީ ކުރިއެރުންތަކެއް މިވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި ޙާޞިލުކުރެވި ފޮނި ނަތީޖާއެއް ނެރެވިފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.

ކުންފުނީގެ އޮޕަރޭޝަން ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޝާހު ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއާއި، ތިލަމާލެ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު ގްރޭޓަރ މާލޭ ސަރަޙައްދުގެ ފެނާއި ނަރުދަމާގެ ވިއުގާއަށް ބޭނުންވާ އަޕްގްރޭޑްތައް ގެނެސް، ކެޕޭސިޓީ ސްޓޯރޭޖް އިތުރުކުރުމާއި، ކުންފުނިން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ އަގު 224 މިލިއަން ރުފިޔާއަށް އަރާކަމަށް ޝާހު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތައް ނިންމާލުމުން މި ސަރަޙައްދުގެ ފެނާއި ނަރުދަމާއަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.

އަތޮޅުތަކުގައި ފެނާއި ނަރުދަމާ މަޝްރޫޢުތައް ހިންގުމުގައި މި ދައުރުގައި ހޯދާފައިވަނީ އިންޤިލާބީ ކުރިއެރުންތަކެއްކަން ފާހަގަކުރައްވާ ޝާހުގެ ވާހަކައިގައި ވަނީ އެކުންފުނިން އަތޮޅުތަކުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އެންމެފަހުގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތައްވެސް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާނެކަމުގެ ޔަޤީންކަން ޝާހު ވަނީ ދެއްވާފައެވެ.

"ތަފާތު 31 ރަށެއްގައި ފެނާއި ނަރުދަމާއި ގުޅުންހުރި 68 މަޝްރޫޢުއެއް މި ކުންފުނިން ދަނީ ހިންގަމުން. އޭގެ ތެރެއިން 28 މަޝްރޫޢެއް މުޅިން ނިމި، ރައްޔިތުންނަށް އޭގެ މަންފާ އެދަނީ ކުރަމުން. ބާކީ 40 ރަށުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް މިވަނީ ނިންމާލެވިފައި. އެގޮތުން މިހާތަނަށް މި ދައުރުގައި ކޮށް ނިންމާލެވިފައިވާ މަސައްކަތުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާ. މިއީ އެމްޑަބްލިއުއެސްސީގެ ފާއިތުވެދިޔަ ދިގު ތާރީޚުގައި މީގެކުރިން ހިންގާފައި ހުރި ޖުމްލަ މަޝްރޫޢުތަކުގެ އަދަދާއިވެސް ނުބައްދަލު މިންވަރެއްކަން އުފަލާއެކު ފާހަގަކުރަން" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، އެމް.ޑަބްލިއު.އެސް.ސީގެ ޚިދުމަތްތައް ފުޅާވެ، މަސައްކަތްތައް އެތައް ގުނައަކުން އިތުރުވެގެން ދިއުމުގެ ނަތީޖާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދިއުންކަމަށެވެ. އެގޮތުން އެމް.ޑަބްލިއު.އެސް.ސީގައި މި ވަގުތު 1247 މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށާއި، މިއީ 2018 އާއި އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެއްކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ކުންފުނީގެ ހިންގުމުގެ އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރުވެސް ބޮޑުތަނުން އިތުރުކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

"މި ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ބާވަތުން ކުންފުނީގެ ހިންގުމުގައި އަންހެން މުވައްޒަފުންގެ ދައުރު ފުޅާކޮށް އިތުރުކުރުން އޮތީ ބޮޑު ގޮންޖެހުމަކަށްވެފައި. ނަމަވެސް ރައީސްގެ ސީދާ އިރުޝާދުގެ ދަށުން މަސައްކަތްކޮށް އަންހެން މުވައްޒަފުން މިއަދު ވަނީ 2018 އާއި އަޅާބަލާއިރު 24 އިންސައްތަ އިތުރުކުރެވިފައި. ވަކިން ޚާއްސަކޮށް ހިންގުމުގެ އިސް މަޤާމުތަކުގައި ތިބި އަންހެން މުވައްޒަފުންގެ ޢަދަދު މިވަނީ ދެގުނައަށްވުރެއްވެސް އިތުރުކުރެވިފައި" ޝާހު ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝާހު ވިދާޅުވީ، ދިވެހި ދައުލަތުގެ ފެން ކުންފުނީގެ ހައިސިއްޔަތުން އެކުންފުނީގެ އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރެއިންވެސް މުހިއްމު މަސައްކަތްތަކެއް ފާއިތުވި 4 އަހަރުގެ ތެރޭގައި ކޮށްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

އެގޮތުން 2019 އިން ފެށިގެން 2022 އާއި ދެމެދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކުގެ 535 އަކަށްވުރެ ގިނަ ހަރަކާތްތަކަށް ޖުމްލަ 47 މިލިއަން ރުފިޔާ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޚަރަދުކޮށްފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.