ތަރައްްޤީ

ގަން އެއަރޕޯޓުގެ މަސައްކަތް އަންނަމަހު، ޢަމާޒު 2 އަހަރުން ނިންމާލުމަށް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގަން އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ނިންމާ، ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއެވެ. އިންޑިއާގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެވެ.

ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައިވާ ގަން އިންޓަނޭޝަލް އެއަރޕޯޓް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އެހެނިހެން އަތޮޅުތަކުގެ އިޤްތިޞާދަށްވެސް ނުހަނު މުހިއްމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ގަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 5 ވަނަ ދުވަހުއެވެ. މުޅި މި މަޝްރޫޢަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ، ސައިޓް މޮބިލައިޒްކޮށް، ވާންޖެހޭ ތައްޔާރީތައް ކޮންޓްރެކްޓަރުގެ ފަރާތުން މިހާރު އަންނަނީ ވަމުންނެވެ. އަދި މި ފެށޭ ޖޫންމަހުގެ ކުރީކޮޅު މި މަސައްކަތް ސައިޓުގައި ރަސްމީކޮށް ފެށިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

މިކަމަށްޓަކާ އައްޑޫ ސިޓީގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މަޝްރޫޢުގެ ޓައިމްލައިން ކަނޑައަޅާފައިވަނީ ދެ އަހަރު ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ކުރީކޮޅަށް މަސައްކަތް ނިމި، ހަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބޭނެ ޚިދުމަތްތަކާއި ވަޞީލަތްތައް، ގަން އެއަރޕޯޓުން ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާރާނެހެންނެވެ. ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގައިވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެކެވެ.

އެގޮތުން މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީއާއި، ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިން ގެނައުމަށް ޑޮމެސްޓިކް ޓްރާންސްފަރތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާއި، ބޭރުގެ އެއަރލައިންތަކާއި އެއަރޕޯޓު ގުޅުވާލުމުން ދެކުނުގެ ރަށްރަށުން އެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން، ދަތުރުތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މިއީ އެހެނިހެން ދާއިރާތަކުންވެސް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދާ މުހިއްމު ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވިގެންދާނެއެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަޞީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.