ޚަބަރު

ހޯރަފުށީ އެއަރޕޯޓްގައި ލައިޓު ހަރުކޮށް ރޭގަނޑުގެ ދަތުރުތައް ފަށަނީ


ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ހޯރަފުށީ އެއަރޕޯޓްގައި ލައިޓު ހަރުކޮށް ނިންމާ، އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ބުނެފިއެވެ. ހޯރަފުށީ އެއަރޕޯޓްގައި ލައިޓް ހަރުކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ޚިދުމަތް ދެމުން އަންނަ އެއަރޕޯޓްކަމަށްވާ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ އެއަރޕޯޓަށް މޯލްޑިވިއަން އަދި މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.

އެ އެއަރޕޯޓްގެ ޚިދުމަތް މިހާތަނަށް ދެމުން އައީ، ދުވާލުގެ ވަގުތުގައި އެކަންޏެވެ. ރޭގަނޑު އެ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ނުފެށި އޮތުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް ބޮޑެތި ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކަކީ ދުވަހުގެ ހުރިހާ ވަގުތުގައިވެސް ޚިދުމަތް ދެވޭ ތަންތަނަށް ހެދުމަށް، ރީޖަނަލް އެއަރޕޯޓްސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭގޮތަށް، އެއަރޕޯޓްގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށެވެ. އެކަމަށް ބޭނުންވާ ސާމާނު މިދިޔަ ހުކުރު ދުވަހު އެރަށަށް ގެންގޮސްފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ބުނީ ލައިޓް ހަރުކުރުމަށް ބޭނުންވާ ކާސްޓިން މަސައްކަތްތައް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި އޭގެ ފަހުން ކަރަންޓު ކޭބަލް ނެޓްވޯކްސްގެ މަސައްކަތް ފަށާނެކަމަށް އެކުންފުނިން ބުންޏެވެ.

ސަޕްލައިގައި މައްސަލައެއް ކުރިމަތި ނުވާނަމަ، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ލައިޓް ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާ، ޓެސްޓް ފްލައިޓް ބާއްވާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުންޏެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ވަނީ، ކުޅުދުއްފުށީ އެއަރޕޯޓްގައިވެސް ނެވިގޭޝަން ލައިޓް ހަރުކޮށް، ރޭގަނޑު ފްލަޓް ޖެއްސޭގޮތަށް ތަރައްޤީކޮށްފައެވެ. އަދި މިމަހުގެ 13ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ބާއްވާފައެވެ. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވީ، ޓެސްޓުކުރުމުގެ މަރުހަލާ ކާމިޔާބުކަމަށާއި، ކުޅުދުއްފުށީގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް އެއަރލައިންތަކަށްވެސް މިހާރު ހުޅުވާލާފައިވާކަމަށެވެ.

މީގެއިތުން މާވަރުލު އެއަރޕޯޓުގައި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން 6 އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ. އަލަށް ލައިޓް ޖަހާ 2 އެއަރޕޯޓާއެކު، މި 6 އެއަރޕޯޓަށްވެސް ރޭގަނޑު ދަތުރުތައް ކުރާނެއެވެ.