ޚަބަރު

މަޑަވެލި ހޯޑެއްދޫ ގުޅާލުން: ތަނބުތައް ޖެހުން ކުރިއަށް، ކުރީގެ ކޯޒްވޭ މިހާރު ބޭނުމެއް ނުކުރެވޭނެ


ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ނިންމަވައިފިއެވެ.

މިނިސްޓްރީން އެގޮތަށް ނިންމެވީ ބްރިޖުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ކުރަމުން ދަނިކޮށް، މޫސުން ގޯސްވުމުގެ ސަބަބުން ޓެމްޕަރަރީ ބެޑް ގިރައިގެން ގޮސްފައިވާތީ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ވެލި ބޭނުންވާކަމަށް ކޮންޓްރެކްޓަރުން އަންގާފައިވާތީއެވެ.

މި މަޝްރޫޢުގެ އެކި ބޭނުންތަކަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ފަހުގައިކަމަށް ވުމުން، އެ ކޯޒްވޭ ރޫޅާލުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ހޯނޑެއްދޫ ކައުންސިލުން ވިދާޅުވީ، މާދަމާއިން ފެށިގެން ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ނިމެންދެން، މަޑަވެލިން ހޯނޑެއްދުއަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު ބޭނުން ނުކުރެވޭނެ ކަމަށެވެ.

2017 ވަނަ އަހަރު، މަޑަވެލި ހޯޑެއްދޫ ގުޅާލުމަށް އޭރުގެ ސަރުކާރުން ކޯޒްވޭއެއް ތަރައްޤީކުރިއެވެ. ނަމަވެސް އޭރު އެ މަސައްކަތް ކޮށްފައިވަނީ އެންމެ އެކަށީގެންވާގޮތަށް، ތިމާވެށްޓަށް ބަލައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއަކަށް ނުވާތީ، އޭގެ މަންފާ ނުލިބި ރައްޔިތުންނަށް މަޖުބޫރިވީ އެ ކޯޒްވޭ ބުރިކޮށްލަށެވެ.

ކޯޒްވޭގެ ދަށުން އޮއި ނުދެމުމާއި، އަދި ކޯޒަވޭއަށް އުދައަރައި ލޮނުގަނޑު ރަށުތެރެއަށް އަރައި އޭގެ ގެއްލުން ރަށުގެ ދަނޑުވެރިންނަށް ވެސް ވަރަށް ބޮޑަށް ކުރިއެވެ.

އެއަށްފަހު މަޑަވެއްޔާއި ހޯނޑެއްދޫގެ ރައްޔިތުންގެ ޒަމާންވީ އުއްމީދު ޙަޤީޤަތަކަށް ހެދުމަށް، އެ ދެރަށް ގުޅައިލުމުގެ އައު ޕްލޭން އެކުލަވާލައްވައި އެކަމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިގެން ފެށްޓެވީ މިދިޔަ މެއި މަހުގައެވެ. ކުރިން އެޅި ކޯޒްވޭ މުޅިން ނަގައި ރަށްތައް ގުޅާލުމަށް ބްރިޖްތަކެއް ހެދުމަށް ވަނީ ނިންމަވައިފައެވެ.

މި މަޝްރޫޢާއެކު އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް، ކަންނިގިލާ އާއި ހާދޫވެސް ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ހޯނޑެއްދުއާއި ދިމާއިން ތަނބުތައް ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅައި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުން ވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ.