ޚަބަރު

މެނިފެސްޓޯ އެކުލަވާލުމަށް އެމްޑީޕީގެ ޓީމުތައް ހުރިހާ ރަށަކަށް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްޑީޕީގެ ޓީމުތައް ދަތުރު ފަށައިފިއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ރައްޔިތުންނަށް ހުށަހަޅުއްވާ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި އެމްޑީޕީން ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަން ނިންމާފައެވެ. މިހަފްތާ ބަންދުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް، މި މަޢުލޫމާތުތައް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަޙީދު ވިދާޅުވީ، އެމް.ޑީ.ޕީގެ ޓީމުތައް ދަތުރުކުރާ ކޮންމެ ރަށެއްގައި ޕާޓީއެއްގެ ދިދައެއް ނަގައި، މަޢުލޫމާތު އެއްކުރުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. މީގެ އިތުރުން މެމްބަރުން އިތުރުކުރުމުގެ ޙަރަކާތްތަކެއް ހިންގަން ވަނީ ހަމަޖެހިފައެވެ.

"ރަށްރަށުން 600 އެއްހާ މީހުން ބައިވެރިވާނެ. އެއާއެކު ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި 1000 އެއްހާ މީހުން އުޅޭނެ. މާދަމާ ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދައެއް ނަގާނެ. ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ގެންދިއުން އޮންނާނެ" އިބުރާހިމް ވަހީދު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްލާޢީލް ވިދާޅުވީ، މި ދަތުރުތަކުގައި ސަރުކާރުން ކޮށްދެއްވިފައިވާ ކަންތައްތަކާއި، ނުކުރެވި ހުރި ކަންކަން ދެނެގަނެ، ރައްޔިތުންގެ ޝުޢޫރުތައް އޮޅުން ފިލުވާނެކަމަށެވެ. މާލެއިން ފުރި އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގައި އިސްކޮށް ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކުރައްވައިފައެވެ. ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުއްވައިލަވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.