ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކާއި، ދަރިމައިވުމުގެ ސިއްޙަތުގެ ޚިދުމަތް ޖުލައިމަހު ފަށަނީ


ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތާއި، ދަރިމައިވުމުގެ ޞިއްޙަތުގެ ޚިދުމަތް މިއަހަރުގެ ޖުލައިމަހު ދޭން ފެށޭވަރުވާނެ ކަމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، މި ދެ ޚިދުމަތުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ހަދާ ޢިމާރާތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވި އެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ވަމުންދާކަމަށެވެ.

ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް އަތޮޅުތަކުގައި ތިބި މިފަދަ ބަލި މީހުންނަށް މި ޚިދުމަތް ލުއިފަސޭހަކޮށް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައި ރަސްމީކޮށް މި ޚިދުމަތް ދޭން ފަށާފައިވަނީ 2019 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގައެވެ.

ޞީއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް އަތޮޅުތެރޭގައި ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކުގެ ފެންވަރު މަތިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން އުނގޫފާރު ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އާދަމް މާހިރު ވިދާޅުވީ، ޢިމާރާތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.

އެ އިމާރާތުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ ބައެއް މަސައްކަތްތަކެވެ. އަދި މަސައްކަތް ރަސްމީކޮށް ފެށުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށް މާހިރު ވިދާޅުވިއެވެ. އެ ޚިދުމަތް ފަށާނީ މިހާރު އެ ހޮސްޕިޓަލުގައި ހުރި ސައިކެޓްރިސްޓާއެކުގައި ކަމަށާއި، މި ޚިދުމަތް ފެށުމަށް މިދާއިރާއިން ތަމްރީންވެފައި ތިބި އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށް މާހިރު ވިދާޅުވިއެވެ.

"މި ޚިދުމަތް ބޭނުންވާ ގިނަ މީހުން ތިބީ އަތޮޅުތަކުގައި މާލެއިން އުތުރުގެ މީހުންނަށް މި ޚިދުމަތާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިބަލަނީ މާލީ ގޮތުން އެންމެ ބޮޑު ލުޔެއް ރައްޔިތުންނަށް ލިބިގެންދާނީ އަދި އުންމީދަކީ މާލެއެކޭ އެއްފެންވަރަށް މިޚިދުމަތް ދިނުން" އާދަމް މާހިރު ވިދާޅުވިއެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފެށުމަށް ތައްޔާރުވަމުންދާ އަނެއް ޚިދުމަތަކީ ރިޕްރޮޑަކްޓިވް ހެލްތު ނުވަތަ ދަރިމައިވުމުގެ ސިއްޙަތާއި ގުޅުންހުރި ޚިދުމަތެވެ. ދަރިމައިނުވުމުގެ މައްސަލަތައަކީ އަންހެނުންނަށް ދިމާވާ ބޮޑު މައްސަލައެކެވެ. ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ގިނަ ޢަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަން ފާހަގަކުރެވެއެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުނގޫފާރު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވީ، އުންމީދަކީ މިހާރު އައި.ޖީ.އެމް.އެޗުން ލިބޭ ހުރިހާ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ޤާއިމްކޮށް އެއްފުރާޅެއްގެ ދަށުން ފަރުވާލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.

"ވަރަށް ގިނައިން ފަރުވާ ހޯދުމަށް އަންނަ ކަމެއް މީ އެހެންވެ އެ ޚިދުމަތް ވީހާވެސް ލުއިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއް މިއީ. މިއާއެކު މިކަމަށް ކުރިން ރައްޔިތުން ކުރަންޖެހުނު ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ. ބަލާނީ ރާއްޖެއިން ދެވޭ އެންމެ ރަނގަޅަށް މިޚިދުމަތް ފޯރުކޮށްދިނުމަށް" އަލީ މާހިރު ވިދާޅުވިއެވެ.

މި ދެ ޚިދުމަތަކީ މީގެކުރިން ފަރުވާ ހޯދުމަށް ބޮޑު ހޭދައެއް ކުރަންޖެހުނު ދެ ޚިދުމަތެވެ. މީގެ ތެރެއިން ނަފްސާނީ ބަލީގެ ފަރުވާ އާސަންދައިން ކަވަރުކުރެވޭނެ އިންތިޒާމު 2020 ވަނަ އަހަރުވަނީ ހަމަޖައްސަވާފައެވެ. އަދި ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ކޯވިޑް-19އަށްފަހު ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. އާސަންދައިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ ބައްޔަށް ފަރުވާހޯދާ 81000އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. މިފަރާތްތަކަށް ފަރުވާދިނުމަށް ބޮޑު ހޭދައެއް ދައުލަތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ މެދުވެރިކޮށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ.